ޚަބަރު

ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަނަކީ ތާރީޚީ ބަދަލުތަކެއް ގެނެސްދިން ސެޝަނެއް: ޝާހިދު


އ.ދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންއަކީ ތާރީޚީ ބަދަލުތަކެއް ގެނެސްދިން ސެޝަންއެއްކަމަށް އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އެމަނިކުފާނު ފުރުއްވަމުންގެންދެވި އދގެ ޢާއްމު މަޖިލީހުގެ ރައީސްގެ މަޤާމުގެ ދައުރުހަމަވުމާއި ގުޅިގެން ދެއްވި ވަދާޢީ ތަޤުރީރުގައެވެ.

އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ދެއްވި ވަދާޢީ ތަޤުރީރުގައި މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ފަރާތުން އ.ދއަށް އެމަނިކުފާނު ގެނެސްދެއްވީ އުއްމީދުގެ ރިޔާސަތެއްކަމަށެވެ. އެރިޔާސަތުގައި ދުނިޔެއަށް ފައިދާވާނެ ތާރީޚީ އެތައް މުހިއްމު ނިންމުންތަކެއް ނިމިގެންދިޔަކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން އަންހެނުންގެ ދައުރުފުޅާކުރުމަށް ކުރެއްވި މަސައްކަތްޕުޅާއިގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ދެއްވާފައިވާކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އޮފީހުގައި 50 އިންސައްތަ މުވައްޒަފުންނަކީ އަންހެނުންކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް އަންހެންބޭފުޅަކު އިންތިޚާބުކުރެއްވުމަށް މިނިސްޓަރވަނީ ގޮވާލައްވާފައެވެ.

ޝާހިދު ވިދާޅުވީ އ.ދ.ގެ 76 ވަނަ ސެޝަންގެ ރިޔާސަތު ދިވެހި ރައްޔިތަކު ބަލަހައްޓަވަމުން ގެންދެވިކަމީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ނަތީޖާކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އިޙްތިރާމާއި އިތުބާރު ދިވެހިން ހޯދާފައިވާކަމުގެ ދަލީލެއްކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

" ދުނިޔޭގެ އެންމެހާ ޤައުމުތައް ޝާމިލުވާ މި އެކުވެރި ދައުލަތްތަކުގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ކަމުގެ މަޤާމު ދިވެހި ރައްޔިތަކަށް ލިބުނުކަމީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ޞާލިޙްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ނަތީޖާ. ދުނިޔޭގެ ޤައުމުތަކުގެ އިތުބާރާއި ޔަޤީންކަން މިއަދު ދިވެހި ރައްޔިތުން ހޯދާފައިވާ ކަމުގެ ފުރިހަމަ ހެކި." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުންނެވެ. އެއީ 193 ޤައުމު އެކުލެވޭ އާންމު މަޖިލީހުގެ 143 ޤައުމުގެ ބޮޑު އަޢުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.

މިއީ 1946 އަހަރުން ފެށިގެން އދ.ގެ ރިޔާސަތު ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ގަވައިދުން ބާއްވާ އިންތިހާބެކެވެ. 2021 ސެޕްޓެންބަރު 14 ގައި ފެށުނު ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ފަރާތުން ރިޔާސަތު ބަލަހައްޓަވަން ފޮރިން މިނިސްޓަރ ޝާހިދު ޚިޔާރުކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

މިއީ އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހި ރާއްޖޭން ކުރިމަތިލި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއީ މިހާތަނަށް އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖޭން ބެލެހެއްޓި ފުރަތަމަ އަދި ތާރީޚީ ފަހަރުވެސްމެއެވެ. މި ތާރީޚާއެކު ރާއްޖެވެފައި ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދ.ގެ ރިޔާސަތު ބެލެހެއްޓި 6 ވަނަ ޤައުމަށެވެ.