ޚަބަރު

"ޑިމެންޝިއާ"އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރަންޖެހޭ


ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބައްޔާ ގުޅޭގޮތުން މުޖުތަމަޢު ދެކޭގޮތް ބަދަލުކޮށް ހޭލުންތެރިވާންޖެހޭކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޑރ.ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ "ޓެން ސައިންސް އޮފް ޑިމެންޝިއާ" ލީފްލެޓް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެލްޒައިމަރސް ސޮސައިޓީ އޮފް ދަ މޯލްޑިވްސްއިން އެކުލަވާލާފައިވާ މިލީފްލެޓް އިފްފިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ޑިމެންޝިއާއާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ކެމްޕޭއިންގެ ދަށުން މިބަލީގެ ޢަލާމަތްތައް ދެނެގަންނާނެގޮތް ބުނެދިނުމަށްޓަކައި "ޓެން ސައިންސް އޮފް ޑިމެންޝިއާ" ލީފްލެޓް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޑރ.ޝާހް މާހިރު ވިދާޅުވީ ޑިމެންޝިއާއަކީ ކަންބޮޑުވާންޖެހޭ ސިއްޙީ މައްސަލައެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން މިއީ މުޅި ދުނިޔޭގައިވެސް 7 ވަނަ އަށް އެންމެ ގިނަ މީހުން މަރުވާ ސަބަބުކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް މިބައްޔާއި މެދުގައި ދިވެހި މުޖުތަމަޢުގެ ހޭލުންތެރިކަން ކުޑަކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މިއީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެއްގެ ގޮތުގައި ދެކޭއިރު އަނެއްބަޔަކު މިއީ ބައްޔެއްކަމަށް ޤަބޫލުނުކުރާކަންވެސް ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުންދާއިރު ޑަބްލިއުއެޗްއޯގެ ބެލުމުގެ ދަށުން ހެލްތު މިނިސްޓްރީއާއި ކަމާގުޅުންހުރި ޖަމިއްޔާތަކާއެކު ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޑިމެންޝިއާ ނުވަތަ ހަނދާންނެތޭ ބައްޔާއި ގުޅޭގޮތުން ރާއްޖޭގައި ޖަމިއްޔާއެއް އުފައްދާ މަސައްކަތް ފަށާފައިވަނީ މިއަހަރުގައެވެ.

ޢާއްމުކޮށް ކުރާކަންކަން ހަނދާން ނެތުމާއި ދެކެފަރިތަ މީހުންގެ ނަން ހަނދާންނެތުމާއި އަހަރާއި މަސް ފަދަ ވަގުތު އަންގައިދޭ ކަންކަން ހަނދާންނެތުމާއި ދައްކަމުންދާ ވާހަކަ ހަނދާންނެތުމުގެ ސަބަބުން މުޢާމަލާތުކުރުމަށް ދަތިވުން ފަދަ ކަންކަން މެދުވެރިވާނަމަ ޑޮކްޓަރެއްގެ އެހީ ހޯދުމަށް އިފްތިތާޙްކުރި ލީފްލެޓްގައިވަނީ ބަޔާންކޮށްފައެވެ.