ސެކްޝުއަލް އެންހޭންސްމަންޓް އަދި އިރެކްޓައިލް ޑިސްފަންކްޝަންއަށް ބޭނުންކުރާ ބޭހެއްކަމަށްވާ ޓަޑާލަފިލްއާއި ސިޑެނަފްލް ހިމެނޭ މާމުއި ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އިލްތިމާސްކުރައްވައިފިއެވެ.
އެމްއެފްޑީއޭއިން ޢާއްމުކޮށްފައިވާ އެލަރޓްގައިވަނީ މިދެބާވަތުގެ ބޭސް އެކުލެވޭ މަމުޔަކީ ސިއްޙަތަށް ގެއްލުންވާގޮތަށް ބޭސް އުފެއްދުމުގެ މިންގަނޑާއި ޚިލާފަށް އުފައްދާފައިވާ ބާވަތްތައްކަމަށް އެމެރިކާގެ އެފްޑީއޭއިން ލިސްޓުކޮށްފައިވާ ބާވަތްތައްކަމަށެވެ. އެހެންކަމުން ރައްކާތެރިކަމަށްޓަކައި މިއުފެއްދުންތައް ބޭނުންކުރުމާއި ވިއްކުން ރާއްޖޭގައި މަނާކޮށްފައިވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އެމްއެފްޑީއޭއިން ޢާއްމުކޮށްފައިވާ ފޮޓޯއިން މިދެބާވަތުގެ ބޭސް ހިމެނޭ 8 ވައްތަރެއްގެ މާމުއި ރާއްޖޭގައި ދައުރުވަމުންދާތީ ސަމާލުވާންވަނީ އެދިފައެވެ.
އެމްއެފްޑީއޭއިން ޢާއްމުކޮށްފައިވާ އިތުރު އެލަރޓެއްގައިވަނީ މޫނުމަތީގައި ޖެހޭ ރޫފިލުވުމަށް ބޭނުންކުރާ ބޭހެއްކަމަށްވާ ޑިސްޕޯޓްގެ ސައްޙަ ނޫން ބެޗްތަކެއްގެ ބޭސް ޔޫރަޕާއި އިރުމަތީ މެޑިޓެރޭނިއަންގެ ބައެއް ޤައުމުތަކުގައި ދައުރުވަމުންދާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އެލަރޓްކޮށްފައިވާކަމަށެވެ. ރާއްޖޭގައި މިހާތަނަށް މިބޭސް އެތެރެކޮށްފައިނުވިނަމަވެސް މިއީ ރާއްޖޭގައި އިމްޕޯޓްކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބޭހެއްކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.
ޑިސްޕޯޓް ބޭހަކީ ކޮސްމެޓިކްސް ޚިދުމަތްދިނުމުގައި ބޭނުންކުރާ ބޭހަކަށްވުމުން ދިވެހިން ރާއްޖެއިން ބޭރުގައި އުޅޭއިރުވެސް އަދި އަމިއްލައަށް ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާނަމަވެސް އެމްއެފްޑީއޭއިން އެލަރޓްކޮށްފައިވާ ސައްޙަ ނޫން ބެޗްގެ ބޭހާމެދު ސަމާލުވުމަށް އެއިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ. އެއިދާރާއިން ވިދާޅުވީ އަމިއްލަ ބޭސް ސިޓީއަށްނަމަވެސް ބޭސް ރާއްޖެއަށް އެތެރެކުރާނަމަ ރާއްޖޭގެ ހުރިހާ ޕޯޓަކުންވެސް ބޭސް ބަލައިފާސްކުރާނެކަމަށެވެ.