ސަރުކާރުން ފަށާފައިވާ ހޯމް ސޯލާ ޕްރޮގްރާމްގައި، ގޭގައި ސޯލާ ޕެނަލް ހަރުކުރަން ބޭނުންވެގެން މިހާތަނަށް 800 ހުށައެޅުން ލިބިފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ނިމުމުގެ ކުރިން 1000ގޭގައި ސޯލާ ޕެނަލް ހަރުކުރުމެވެ.
ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖެއަކީ ތިމާވެއްޓާ ރަށްޓެހި ގޮތްތަކަށް ކަރަންޓު އުފައްދާ ޤައުމުކަށް ހެދުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.
އެގޮތުން ރަށްރަށުގައި ކަރަންޓު ބޭނުންކުރާ އެންމެ މަތީ އަދަދުގެ %70އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު ދުވަސްތެރޭގައި 20 މެގަވޮޓްގެ ސޯލާ ކެޕޭސިޓީ ވަނީ ޤާއިމުކޮށްފައެވެ. މީގެ ސަބަބުން ސަރުކާރުން ތެލަށް ކުރާ ހޭދައިން އެތައް ގުނައެއް ކުޑަވެއެވެ.
ސަރުކާރުން މިހާރު މިވަނީ ގޭބިސީތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް، ތިމާވެއްޓާއި ރަށްޓެހިކޮށް ކަރަންޓު އުފައްދާ ބޭނުންކުރެވޭނެ ޕްރޮގްރާމެއްވެސް ތަޢާރަފްކޮށްފައެވެ. "ހޯމް ސޯލާ" ޕްރޮގްރާމް ހިންގުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. މި ޕްރޮގްރާމްގެ މަޤުސަދަކީ އާއްމު ރައްޔިތުން ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ކަރަންޓު ބޭނުންކުރުމަށް ހޭލުންތެރިކޮށް، ބޮޑެތި އަދަދުތަކުން ކަރަންޓަށް ދައްކާ ފައިސާ ސާލާމަތްކުރުމެވެ. ސަރުކާރުން ޢަމާޒުކޮށްފައިވަނީ އަހަރު ނިމޭއިރު ރާއްޖޭގެ 1000ގޭގައި، ސޯލާ ހަކަތަ ބޭނުންކުރަން ފެށުމެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ ހޯމް ސޯލާ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. އެގޮތުން ސަރުކާރުން ކަނޑައަޅާފައިވާގޮތަށް މިއަހަރު ނިމުމުގެ ކުރިން 1000 ގޭގައި ސޯލާ ހަކަތަ ހަރުކުރުމުގެ ޢަމާޒަށް ވާސިލްވެވޭނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.
"އާއްމުންގެ ޝައުގު ވަރަށް ބޮޑަށް ފެނޭ ސޯލާ ހަކަތައިން ގޭގެއަށް ކަރަންޓު ދިނުމަށް. އެގޮތުން މިހާރުވެސް 800 ގޭބިސީއިން ހުށައަޅާފައިވަނީ، އެ ގެތަކުގައި ސޯލާ ޕެނަލް ހަރުކޮށް ކަރަންޓު ބޭނުންކުރުމަށް." އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވިއެވެ.
ހޯމް ސޯލާ ހަކަތަ ޤާއިމުކުރުމާއެކު، ގޭގޭ ކަރަންޓު ބިލުން %90 ކުޑަކުރެވޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. 2000 ރުފިޔާގެ ކަރަންޓު ބިލެއް ދައްކާ ގެއަކުން، މި ނިޒާމާއެކު މަހަކު ދައްކާ އަގު 60 ރުފިޔާއަށް ކުޑަކޮށްލެވޭނެއެވެ.
ހޯމް ސޯލާ ނިޒާމަކީ ދިރިއުޅޭ ގޭގެ ފުރާޅުގައި ހަރުކުރާ ފެހި ހަކަތަ އުފައްދާ ނިޒާމެކެވެ. ހޯމް ސޯލާ ނިޒާމެއް 20-25 އަހަރާ ދެމެދުގެ މުއްދަތަކަށް ބޭނުންކުރެވޭނެއެވެ.
ސަރުކާރުން ދަނީ ރަށްރަށަށް ޢަމާޒުކޮށްގެން، ސޯލާ ނިޒާމު ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. ފެނަކައިގެ އެމްޑީ ވިދާޅުވީ މިހާރު ކުރިއަށްދާ މަސައްކަތް ނިމުމުންވެސް ތެލަށް ކުރާ ހޭދައިން 200މިލިއަން ރުފިޔާ، އަހަރަކު ސަލާމަތްކުރެވޭނެކަމަށެވެ.
ސަރުކާރުގެ ޢަމާޒަކީ 2023 ނިމޭއިރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ %26 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ.