ދުނިޔެ

އުތުރު ކޮރެޔާއިން އަނެއްކާވެސް ރޮކެޓެއް ޖައްވަށް ދޫކޮށްފި


އުތުރު ކޮރެޔާއިން މިއަދު އަނެއްކާވެސް ދުރުރާސްތާއަށް ދަތުރުކުރުމުގެ ގާބިލްކަން ހުރި ރޮކެޓެއް ޖައްވަށް ދޫކޮށްފިއެވެ.އެޤައުމުން ބުނެފައިވަނީ މި ރޮކެޓްއަކީ ސެޓްލައިޓެއް އުފުލާ އުޅަދެއްކަމަށެވެ. އަދި މިއަދުގެ އޮޕަރޭޝަނަކީ މުޅިން ކާމިޔާބް އޮޕަރޭޝަން އެއްކަމަށާ، މިއަދު ދޫކުރި ސެޓްލައިޓް ކޮންމެ ނުވަދިހަ ހަތަރު މިނެޓަކުން އެއްފަހަރު، ދުނިޔެވަށާ ބުރެއްޖަހަމުންދާ ކަމަށް އެގައުމުގެ ސްޓޭޓް ޓީވީ އިން ބުނެފައިވެއެވެ. އަދި މުސްތަޤްބަލްގައިވެސް އުތުރު ކޮރެޔާއިން ޖައްވަށް ސެޓަލައިޓް ފޮނުވާނެކަމަށް އެޤައުމުން ބުނެފައިވެއެވެ.   އުތުރުކޮރެޔާގެ އަވަށްޓެރި ޤައުމުތަކުގެ އިތުރުން އެމެރިކާއިން ބުނަމުންދަނީ މިއަދުގެ ހަރަކާތަކީ މިސައިލް އެއް ޓެސްޓް ކުރުމުގެ އަމަލެއް ކަމަށެވެ. އަދި މިއީ އދ ގެ އެންގުންތަކާ ޚިލާފަށް އުތުރު ކޮރެޔާއިން ކޮށްފައިވާ ކަމެއް ކަންވެސް އެޤައުމުތަކުން ފާހަގަ ކުރެއެވެ.އެމެރިކާގެ ސްޓްރެޓީޖިކް ކޮމާންޑުންވެސް ބުނެފައިވަނީ އުތުރު ކޮރެޔާއިން މިފަހަރު ޓެސްޓް ކުރީ މިސައިލްއެއްކަމުގެ މައުލޫމާތު އެބަހުރި ކަމަށެވެ. އުތުރު ކޮރެޔާއިން ޖަނަވަރީމަހުވަނީ ނުރައްކާތެރި ހައިޑްރިޖަން ބޮމެއްވެސް ޓެސްޓް ކޮށްފައިވެއެވެ.