ޚަބަރު

އެސްޑީއެފްސީން މިހާތަނަށް 1036 ލޯން ދޫކޮށްފި


ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން މިހާތަނަށް 1036 ލޯން ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެސްޑީއެފްސީއަކީ މާލީ އެހީ ލުއި އިންޓްރެސްޓު ރޭޓެއްގައި ފަސޭހަކަމާއި އެކު ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މިކުންފުނިން ދޫކުރާ ލޯންތަކަށް ރަށުގައި ތިބެގެން އޮންލައިންކޮށްވެސް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ.

ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ޕްރެޒެންޓޭޝަނެއްގައިވަނީ އެސްޑީއެފްސީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ. އެގޮތުން 2019ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 1036 ލޯނު ދޫކޮށްފައިވާއިރު، 1.27 ބިލިއަން ރުފިޔާގެ ލޯނުވަނީ ހަމަޖެހިފައެވެ.

ލޯން ދޫކޮށްފައިވާ ވަކިވަކި ދާއިރާތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ލޯން ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެެ. އެއަށްފަހު ވިޔަފާރީގެ ދާއިރާ ހިމެނޭއިރު، ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް ލޯން ދޫކޮށްފައިވަނީ މަސްވެރިކަމުގެ ދާއިރާއަށެވެ.

އެސްޑީއެފްސީން ރާއްޖޭގެ ވަކިވަކި އަތޮޅުތަކަށް ލޯންތައް ދޫކޮށްފައިވާ އިންސައްތައަށް ބަލާއިރު، އެންމެ ގިނަ އަދަކަށް ލޯން ދޫކޮށްފައިވަނީ ގދ. އަތޮޅަށެވެ.

ލޯން ދޫކުރެވިފައިވާ އިންސައްތަ

* ގދ. އަތޮޅު - %82
* ލ. އަތޮޅު - %80
* ތ. އަތޮޅު - %75
* ގއ. އަތޮޅު- %74
* ދ. އަތޮޅު - %70
* އައްޑޫ ސިޓީ - %69
* ފުވައްމުލައް ސިޓީ - %68


ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ބޭންކުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބޭންކެއް އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމު ބޭނުމަކަށްވެސްވީ މާލީ އެހެން އިދާރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމެވެ.