ޚަބަރު

ރާނީއަކީ ދުނިޔޭގެ ހަމަޖެހުމަށް މަސައްކަތް ކުރެއްވި ބަތަލެއް: ޕާޓީތައް


އަވަހާރަ ވެފައިވާ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަކީ ދުނިޔޭގެ ހަމަޖެހުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި ބަތަލެއް ކަމަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ވަނީ ރާނީއަށް ތައުޒިޔާ ވިދާޅުވެ، ރާނީގެ ޚިދުމަތާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވާފައެވެ.

މިއަދު ޖަލްސާގައި ކޮންމެ ސިޔާސީ ޕާޓީއަކަށް ވަނީ ރާނީގެ ޚިދުމަތްތަކަށް ބަލާލާ ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާފައެވެ. އޭގެ ކުރިން މަޖިލީހުގައި ވަނީ ރާނީގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއްވެސް ގެނެސްފައެވެ. ރާނީގެ ހަނދާނުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރާނީއަކީ ދުނިޔޭގެ ސުލްހަޔަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށެވެ. 15 ބޮޑުވަޒީރުންނާއިއެކު އިނގިރޭސި ރަސްކަން ކުރެއްވިއިރު އެކަމަނާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ހިކުމްތެރިކަން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެކަމަނާއަކީ ރާއްޖެއަށްވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށް އަސްލަމް ވިދާޅުވިއެވެ. އިނގިރޭސި ހިމާޔަތުގައި ރާއްޖެ އޮތް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައާއި އެނޫން އަހަރުތަކުގައި ރާއްޖޭގެ ޞިއްޚީ ދާއިރާއަށާއި، ތައުލީމަށްވެސް އިނގިރޭސި ރާނީގެ ޚިދުމަތް ލިބިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި، ޕީޕީއެމް، ޕީއެންސީގެ ފަރާތުން އާދަމް ޝަރީފްވެސް ވަނީ ރާނީގެ ޚިދުމަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ދެބޭފުޅުންވެސް ވަނީ ރާއްޖޭގެ ޚާރިޖީ ދާއިރާއާއި، އެނޫން ދާއިރާތަކަށްވެސް ރާނީގެ ފަރާތުން ލިބިގެންދިޔަ ޚިދުމަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ރަސްމީ ޢިއްޒަތުގައި ރާނީ އެލިޒަބަތުގެ ޖަނާޒާ ސެޕްޓެންބަރު 19ގައި ބާއްވާނެ ކަން ވެސް ބަކިންގްހަމް ގަނޑުވަރުން ވަނީ އިޢުލާނު ކޮށްފައެވެ. ރާނީ އަވަހާރަވީ ސެޕްޓެންބަރު 8ގައި ސްކޮޓްލެންޑުގައި ހުންނަ އެ ކަމަނާގެ ބެލްމޯރަލް ގަނޑުވަރުގައެވެ. އެ ކަމަނާގެ ހަށިކޮޅު، ސެޕްޓެންބަރު 11ގައިވަނީ ސްކޮޓްލެންޑުގެ ވެރިރަށް އެޑިންބަރގްއަށް ގެންގޮސްފައެވެ.

އެއަށްފަހު ރާނީގެ ހަށިކޮޅު ގެންދެވޭނީ ލަންޑަނުގެ ބަކިންގްހެމް ގަނޑުވަރަށެވެ. ރާނީގެ ހަށިކޮޅު ފަސްދާނުލުމަށްޓަކައި ވެސްޓްމިންސްޓަރ ހޯލްއަށް ގެންދެވޭނީ ސެޕްޓެންބަރު 19 ވަނަ ދުވަހުއެވެ. އަދި، ޖަނާޒާގެ ކުރިން އެ ކަމަނާއަށް އެންމެ ފަހުގެ އިޙުތިރާމު އަދާ ކުރުމުގެ ފުރުޞަތު ދެވޭނެއެވެ.