ޚަބަރު

ހިޖުރަކުރަން އުޅުނު ޓުނީޝިޔާގެ 11 މީހުން ކަނޑުވެގެން މަރުވެއްޖެ


ޓުނީޝިޔާއިން އިޓަލީ ވިލާތަށް ހިޖުރަކުރަން މަސައްކަތްކުރި ބަޔަކު އަރުވައިގެން ދަތުރުކުރި ބޯޓެއް ކަނޑުވެ، މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ. މި ހާދިސާގައި ހިނގާފައި ވަނީ ޓުނީޝިޔާގެ އިރުމަތީ މަޙުދިޔާ ސަރަޙައްދުގެ ރަށެއް ކަމުގައިވާ ޝަބާގެ އައްސޭރިފަށުގައެވެ. ބޯޓު ކަނޑުވި ވަގުތު އޭގައި 37 މީހުން ތިބި ކަމަށް ޓުނީޝިޔާގެ އޮފިޝަލުން ބުނެއެވެ.

ކަނޑުވެގެން މަރުވި އިތުރު ފަސް މީހެއްގެ ހަށިގަނޑު ފެނިފައި ވާއިރު، ކަނޑަށް ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 12 މީހެއްގެ ހަށިގަނޑު ހޯދުމަށް ޓުނީޝިޔާގެ ކަނޑުގެ ސިފައިންގެ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ބޯޓުގައި ދަތުރު ކުރަމުން ދިޔަ 14 މީހަކު ވަނީ ދިރިތިއްބާ ސަލާމަތް ކޮށްފައެވެ.

މި ބޯޓުގައި ދަތުރު ކޮށްފައިވާ އެންމެންނަކީ ވެސް ޓުނީޝިޔާ ރައްޔިތުން ކަމުގައި އެ ޤައުމުގެ އޮފިޝަލުން ބުނެއެވެ. ޓުނީޝިޔާއަކީ، ޤަވާޢިދާ ޚިލާފަށް އިޓަލީ ވިލާތަށް ހިޖުރަ ކުރުމަށް ބޭނުންކޮށް އުޅޭ މަގެކެވެ. އިޓަލީ ވިލާތުގެ ރަށެއް ކަމުގައިވާ ލަމްޕަޑޫސާ އޮންނަނީ ޓުނީޝިޔާއާ 130 ކިލޯމީޓަރު ދުރުގައެވެ.

ޤަވާޢިދާ ޚިލާފަށް އިޓަލީ ވިލާތަށް ހިޖުރަކުރާ މީހުންގެ ތެރޭގައި އެފްރިކާގެ ޤައުމުތަކުގެ ރައްޔިތުން ގިނައެވެ. އެ މީހުން ހިޖުރަކުރަނީ ފަގީރުކަމުންނާއި ދާޚިލީ ހަނގުރާމަތަކުން ސަލާމަތްވުމުގެ ބޭނުމުގައެވެ. ފަހަކަށް އައިސް، އިޓަލީ ވިލާތަށް ހިޖުރަކުރާ ޓުނީޝިޔާ ރައްޔިތުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

މި އަހަރުގެ މިހާތަނަށް ޓުނީޝިޔާގެ 10,100 ރައްޔިތުން އިޓަލީ ވިލާތަށް ހިޖުރަކޮށްފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. މީގެ ތެރޭގައި 2,000 އަށްވުރެ ގިނަ ކުޑަކުދިން ވެސް ހިމެނޭއިރު، މީގެ ތެރޭގައި ޤަވާޢިދާ ޚިލާފަށް އިޓަލީ ވިލާތަށް ހިޖުރަ ކޮށްފައިވާ މީހުން ވެސް ހިމެނެއެވެ.

މި އަހަރުގެ ޖަނަވަރީ މަހުން ޖުލައި މަހުގެ ނިޔަލަށް މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކޮށްފައިވާ މީހުންގެ އަދަދު 42,500 އަށް އަރާ ކަމުގައި ވިލާތުގެ އިދާރާތަކުން ބުނެއެވެ. މިއީ، 2021 އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 44 އިންސައްތަ އިތުރުވުމެކެވެ.