ކުޅިވަރު

އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް އައްޑޫގައި ކާމިޔާބުކަމާއެކު ނިންމާލައިފި


ދެކުނުގެ އަތޮޅުތަކަށް ހުޅުވާލައިގެން ބޭއްވި 17 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އައްޑޫސިޓީ ހިތަދޫ ބެޑްމިންޓަން ސެންޓަރުގައި މި މަހުގެ 5 އިން 10 ގެ ނިޔަލަށް މުބާރާތް ކުރިޔަށްދިޔައީ ޖުމްލަ 8 ސްކޫލަކާއެކު އެވެ. މި ސްކޫލުތަކުން ޖުމްލަ 320 ކުދިން މުބާރާތުގައި ބައިވެރިވިއިރު، ޖުމްލަ 492 މެޗު ވަނީ ކުޅެފައެވެ. އެއީ އޯޕަންސް ބައިން 283 މެޗު އަދި ޓީމު އިވެންޓުން 209 މެޗެވެ.

ދެ އިވެންޓަކަށް ބަހާލައިގެން ކުރިޔަށްދިޔަ މި މުބާރާތުގެ ޓީމު އިވެންޓުން އެންމެ ކާމިޔާބު ސްކޫލަކީ އައްޑޫސިޓީގެ ހިތަދޫ ސްކޫލެވެ. އެ ސްކޫލުން ވަނީ ތިން އިވެންޓަކުން ޗެމްޕިއަންކަން ހޯދާފައެވެ. މުބާރާތުގައި ދެން އެންމެ ކާމިޔާބު ސްކޫލަކީ ޝަރަފުއްދީން ސްކޫލެވެ. އެ ސްކޫލުން ވަނީ ޓީމު އިވެންޓުގެ ދެ އިވެންޓަކުން ޗެމްޕިއަންކަން ހޯދާފައެވެ. މީގެއިތުރުން ފޭދޫ ސްކޫލުން ވެސް ވަނީ އިވެންޓަކުން ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގައި ބައިވެރިވި ސްކޫލުތަކަކީ އައްޑޫސިޓީގެ ފޭދޫ ސްކޫލް، ހިރާ ސްކޫލް، ޝަރަފުއްދީން ސްކޫލް، ހިތަދޫ ސްކޫލް، ނޫރާނީ ސްކޫލް، ބިލަބޮންގް، އައްޑޫ ހައި ސްކޫލް، އަދި ގދ. އަތޮޅު ތައުލީމީ މަރުކަޒެވެ.

ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަސްކޫލް މުބާރާތުގެ ސެންޓްރަލް ޒޯނުގެ މުބާރާތް އަންނަ އަންގާރަ ދުވަހު މާލޭގައި ފަށާނެއެވެ. އަދި އަންނަ މަހު ނ. ހޮޅުދޫގައި ވެސް މުބާރާތެއް ބާއްވާނެއެވެ.