ޚަބަރު

މިހާ ގެއްލުން ބޮޑު މޫސުމީ ކާރިސާއެއް ދުވަހަކުވެސް ނުދެކެން: ގުތެރޭޝް


މޫސުމީ ވިއްސާރައިގައި ސަބަބުން ޕާކިސްތާނުގައި ފެންބޮޑުވެފައިވާ ސަރަޙައްދުތަކަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ޒިޔާރަތް ކުރައްވައި، އެ ސަރަޙައްދުތަކުގެ ހާލަތު ބައްލަވައިލައްވައިފިއެވެ. ގުތެރޭޝް ޕާކިސްތާނަށް ވަޑައިގަންނަވާފައި މި ވަނީ، މޫސުމީ ބަދަލުތަކާ ގުޅިގެން އެ ޤައުމުތަކަށް ލިބިފައިވާ ގެއްލުމާ ގުޅޭ ގޮތުން ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤުޞަދުގައެވެ.

މި އަހަރުގެ ވިއްސާރަ މޫސުމުގައި ޕާކިސްތާނުގެ އުތުރާއި ދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއި، ފަރުބަދަ މަތީ ހިސާބުތަކުގައި ހެދިފައިވާ އައިސްތައް ވިރުމުގެ ސަބަބުން، އެ ޤައުމުގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 1,391 އަށް އަރާފައެވެ.

ފެންބޮޑުވުމުގައި ގިނަ އަދަދެއްގެ ގެދޮރު ވަނީ ހަލާކުވެފައެވެ. އަދި، މަގުތަކާއި ރޭލު ދަގަނޑުތަކާއި ބުރިޖުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އަދި، ގިނަ އަދަދެއްގެ ނައަމްސޫފި މަރުވުމުގެ އިތުރުން ގިނަ އަދަދެއްގެ ދަނޑުބިންތައް ވަނީ މުޅިން ހަލާކުވެފައެވެ.
ޕާކިސްތާނުގެ ބޮޑު ސަރަޙައްދެއް އަދިވެސް އޮތީ ފެނު އަޑީގައެވެ. އަދި އެތަކެއް ސަތޭކަ ހާސް މީހުން ގެދޮރު ނެތި، މަގުމަތިވެފައި ވާއިރު، ފެންބޮޑުވުމުގެ އަސަރު 33 މިލިޔަން މީހުންނަށް ކޮށްފައިވާ ކަމުގައި އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.

ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގުތެރޭޝް ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ. އަދި، އެ ޤައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އޭނާ ގޮވައިލެއްވިއެވެ.

"މިއަދު ސުންނާފަތިވެފައި މި އޮތީ ޕާކިސްތާން. މާދަމާ މި ފަދަ ކާރިސާއެއް ކުރިމަތި ވާނީ ކޮން ޤައުމަކަށް ކަން ބުނެދޭކަށް ނޭނގޭ. އެ ވެދާނެ ކޮންމެ ޤައުމަކަށް ވެސް. މި ކަމުގައި މުޅި ދުނިޔެ އެކުގައި މަސައްކަތް ކުރަން ޖެހޭ،" މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވަމުންދާ ހާލާ މެދު ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވިއެވެ.

"އެކި ޤައުމުތަކަށް ކުރިމަތިވި ގިނަ ޤުދުރަތީ ކާރިސާތަކެއް ދެކެފިން. ނަމަވެސް، މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމަކަށް މިހާ ބޮޑު ގެއްލުމެއް ލިބިފައިވާ މަންޒަރެއް އަދި ދުވަހަކު ވެސް ނުދެކެން،" ގުތެރޭޝް ވިދާޅުވިއެވެ. ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން، އެ ޤައުމުން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗަރ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ގުތެރޭޝް ވަނީ މާލީ އިދާރާތަކާއި ޤައުމުތަކަށް ގޮވައިލައްވާފައެވެ.

"ޕާކިސްތާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ކާރިސާއަކީ ހަމައެކަނި އެ މީހުންގެ އަމަލުތަކާ ގުޅިގެން ކުރިމަތިވި ކާރިސާއެއް ނޫން،" ގުތެރޭޝް ވިދާޅުވިއެވެ. ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނަށް ލިބިފައިވާ ގެއްލުން އަންދާޒާކޮށް، އެ ޤައުމު އަލުން އާރާސްތު ކުރުމަށް އެހީތެރިކަން ބޭނުންވާ މިންވަރާއި ދާއިރާތައް ދެނެގަތުމަށް އ.ދ.ގެ އިދާރާތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މި ކާރިސާގައި ލިބިފައިވާ ގެއްލުމުގެ އަގު 30 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް އެ ޤައުމުގެ ސަރުކާރުން އަންދާޒާ ކުރެއެވެ.

ޖުލައި މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ޕާކިސްތާނުގެ އެކި ސަރަޙައްދުތަކަށް 391 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިއީ، ފާއިތުވި 30 އަހަރުގެ އެވުރެޖާ އަޅައިބަލާއިރު 190 އިންސައްތަ އިތުރު އަދަދެކެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެ ޤައުމުގެ ދެކުނުގައިވާ ސިންދު ޕުރޮވިންސަށް 466 އިންސައްތަ ގިނައިން ވާރޭވެހިފައިވާ ކަމަށް ވެސް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.