ސިޔާސީ

އިނގުރައިދޫއިން ޕީ.ޕީ.އެމަށް 100 މީހުން އަލަށް ގުޅިއްޖެ


ރ. އިނގުރައިދޫ ސަތޭކަ މީހުން ވެރިކަންކުރާ ޕާޓީ، ޕީ.ޕީ.އެމާއި އަލަށް ގުޅިއްޖެއެވެ. އެފަރާތްތަކުން ޕީ.ޕީ.އެމްއަށް ވަނުމުގެ ފޯމްތައް މިއަދުވަނީ، ޕީ.ޕީ.އެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް އިންގުރައިދޫ ކައުންސިލްގެ ފަރާތުން ހަވާލުކުރައްވާފައެވެ.މިއަދު ޕީ.ޕީ.އެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ، މެންބަރުން އިތުރުވެގެން ދިޔުމުން ޕާޓީއަށް އިތުރު ވަރުގަދަވެ މަގުބޫލުކަން އިތުރުވެގެންދާނެކަމަށާއި، މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި ސައްޚަ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮވެ، މިއަހަރުތެރޭގައި އެއްލައްކަ މެންބަރުން ޕީ.ޕީ.އެމަށް ހަމަކުރެއްވުމަށް ކުރައްވާ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްގެންދަވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ، ޕީ.ޕީ.އެމްއާ އިދިކޮޅު ޕާޓީތަކާހުރި ތަފާތަކީ، ޕީ.ޕީ.އެމް އަކީ، އިސްލާމްދީނާއި،  ސިޔާސީ މިނިވަންކަމާއި އިސްތިގްލާލު ރާއްޖޭގެ ދަމަހައްޓަން ބޭނުންވާ ޕާޓީއަކަށްވުންކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ޕާޓީތަކުން، ޚާއްސަކޮށް އެމް.ޑީ.ޕީން އެކަންކަން ފެނިގެން ނުދާކަމުގައި ވިދާޅުވިއެވެ.ބައެއް މީޑިއާތަކުގައި 2013 ގެ ރިޔާސީ އިންތިޚާބު ޕީ.ޕީ.އެމުން ކާމިޔާބުކުރުމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތައް ރައީސް މައުމޫނު މިއަދު ވަނީ ދޮގުކުރައްވާފައެވެ. ރިޔާސީ އިންތިޚާބުގެ ކެންޕެއިނުގައި އަމަލީިގޮތުން ބައިވެރިވެ ވަޑައިގެންނެވި ރައީސް މަައުމޫން ވިދާޅުވީ، ޕީ.ޕީ.އެމް އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނީ، އެޕާޓީން ކުރި ކެންޕެއިންތަކާއި މެންބަރުންގެ މަސައްކަތުންކަމަށެވެ. އަދި އެކަމުގައި އިސްލާމްދީން ނަހީކުރައްވާފައިވާ ބާތިލު އެއްވެސްކަމެއް ނުކުރާކަމަށްވެސް ރައީސް މައުމޫން މިއަދު ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.