ލާމަރުކަޒީ ނިޒާމު ފުރިހަމަކުރަންޖެހޭނީ ރައްޔިތުންގެ އަތުން ބާރުތައް ދެން އަނބުރާ ނުނެގޭނެ މިންވަރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ނިޒާމުގެ މުހިއްމުކަމާއި، އެ ނިޒާމުން ރައްޔިތުންނަށް ލިބޭ ބާރުތަކުން ލިބޭ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ކޮންމެ ކޮންފަރެންސަކުންވެސް ހާޞިލުކުރަން އެދޭ މުހިންމު އަމާޒުތަކެއް ހުންނާނެކަމަށާއި އަދި ހޯދަންޖެހޭ ނަތީޖާތަކެއްވެސް އެބަހުރިކަމަށެވެ.
"ހުރިހާ ކައުންސިލްތަކުން މިހާތަނަށްވެސް ފާހަގަކުރައްވާ އެއްކަމަކީ، ލިބޭ ބްލޮކް ގްރާންޓްގެ އަދަދު، ނުވަތަ މިންވަރުގެ ފަރަގު. ބޭނުންވާ ވަރާ، ލިބޭ މިންވަރުގާ ހުރި ތަފާތު. ގްރާންޓް ދޫކުރާ ފޯމިއުލާއަށް ބަދަލުތަކެއް ގެނައުމުގެ ހުށައެޅުންތައް މިބައްދަލުވުމުގެ މޭޒަށް އަންނާނެ. މިހުށައެޅުން ތަކަށް ތިޔަބޭފުޅުންގެ ޚިޔާލާ މަޝްވަރާ ކޮންމެހެން ބޭނުންވޭ. މިކަމުގާ ތިޔަބޭފުޅުންގެ ބިނާކުރަނިވި، އީޖާބީ ވިސްނުން، އިސްކުރައްވާނެ ކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަން. މީގެއިތުރަށްވެސް، ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާމެދު ބަހުސް ކުރެވި، ނިންމުންތަކަކަށް ވާޞިލުވެވޭނެކަމުގައި އަޅުގަނޑު ދެކެން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ހިންގުމާއި ރަށުގެ ތަރައްޤީއާއި އިޖްތިމާޢީ ހުރިހާ ކަމެއްގައި އަންހެނުންގެ ބައިވެރިވުމާއި ޝާމިލްވުން އަދިވެސް ވާންޖެހެނީ ބޮޑުކަމަށެވެ. އަދި އަންހެނުންގެ ދައުރު ކުޑަކޮށް ތަރައްޤީ ނުގެނެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަކުރަމުންދާއިރު، ރައްޔިތުންގެ އަތުން އެ ބާރުތައް އަނބުރާ ނުނެގޭނެގޮތަކަށް ނިޒާމު ފުރިހަމަކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
"ލާމަރުކަޒީ ނިޒާމު ރާއްޖޭގާ ފުރިހަމަކޮށް އަށަގަންނުވަން ޖެހޭނީ، ފިސާރި ދެމެހެއްޓެނިވި ގޮތެއްގައި. ދުވަހަކުވެސް މިނިޒާމާ މިބާރުތައް ރައްޔިތުންގެ އަތުން އެއްވެސް ބޭފުޅަކަށް، ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށް. ވިއަވަތި ރާއްޖެ ކޮންފަރެންސް މުޅިރާއްޖޭގެ ހުރިހާ ކައުންސިލްތަކާ އެކު މިބާއްވަނީ އެބޭނުމަށްޓަކައި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެކުރިން ބޭއްވި ވިއަވަތި ކޮންފަރެންސްތަކުން ރަނގަޅު ނަތީޖާތަކަކާއި ކުރިއެރުންތަކެއް ލިިބިފައިވާކަމަށެވެ. އަދި މިއީ ޤައުމީ ފެންވަރުގާ ކަންކަމާމެދު މަޝްވަރާކޮށް ގޮތްތަށް ނިންމުމަށް ލިބޭ ފުރުޞަތެއްކަމަށާއި ރާއްޖޭގެ ތަރައްޤީގެ ކަންކަން ވިލަރެސް ކުރުމުގައި މިކޮންފަރެންސްގެ ނިންމުންތަކަށް ރިޢާޔަތް ކުރެވި، އެއަށް ޢަމަލީ ސިފަ އަންނާކަން ޔަގީންކަމަށެވެ.