ޚަބަރު

ރާނީގެ ޖަނާޒާ ސެޕްޓެންބަރު 19ގައި


ޗާލްސްއަކީ އިނގިރޭސި ވިލާތުގެ ރަސްގެފާނު ކަން ރަސްމީކޮށް އަންގާ އިޢުލާނު ކޮށްފިއެވެ. ޗާލްސްއަކީ އިނގިރޭސި ވިލާތުގެ ރަސްގެފާނު ކަމުގައި ރަސްމީކޮށް ކަނޑައަޅާފައި ވަނީ، ސެއިންޓް ޖޭމްސް ގަނޑުވަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެ މަސައްކަތް މަތިކޮށްފައިވާ 650 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެކްސެޝަން ކައުންސިލުންނެވެ.

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން ރަސްގެފާނު ޗާލްސްއަށް ވަނީ އިނގިރޭސި ރަސްކަން ލިބިވަޑައިގަންނަވާފައެވެ. ނަމަވެސް، އެ ކަން ރަސްމީކޮށް އިޢުލާނު ކުރަނީ އެކްސެޝަން ކައުންސިލުގެ ބައްދަލުވުމަކަށް ފަހުއެވެ.

ޗާލްސްއަކީ ރަސްގެފާނު ކަން އިޢުލާނު ކުރުމަށް ސެއިންޓް ޖޭމްސް ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތު ފުރަތަމަ ފަހަރަށް ވަނީ ޓީވީ މެދުވެރިކޮށް ދުރަށް ދައްކާފައެވެ. މި ރަސްމިއްޔާތުގައި ޗާލްސް ވަނީ ރަސްކަމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެ ވަޑައިގެންނެވުމުގެ ގޮތުން ރަސްކަމުގެ ހުވާ ކުރައްވާފައެވެ.

"އަހުރެންނަށް މަތިކުރެވިފައިވާ ޒިންމާތަކުގެ ބަރުކަން ޤަބޫލުކޮށް، ޒިންމާތަކުގެ ބޮޑުކަން ބަލައިގަންނަން. ސަރުކާރާއި ޤާނޫނީ ވެރިކަން ނަގަހައްޓައި، މި ރަށްތަކާއި ކޮމަންވެލްތުގެ އެހެން ޤައުމުތަކުގެ އަމާންކަމާއި ސުލްހަމަސަލަސްކަމާއި ފާގަތިކަން ދަމަހައްޓަން އަހުރެން އަޒުމު ކަނޑައަޅައި، ގަދައަޅައި މަސައްކަތް ކުރާނަން،" ރަސްކަމުގެ ހުވާ ކުރައްވަމުން ރަސްގެފާނު ޗާލްސް ވިދާޅުވިއެވެ.

ރަސްމީ ޢިއްޒަތުގައި ރާނީ އެލިޒަބަތުގެ ޖަނާޒާ ސެޕްޓެންބަރު 19ގައި ބާއްވާނެ ކަން ވެސް ބަކިންގްހެމް ގަނޑުވަރުން ވަނީ އިޢުލާނު ކޮށްފައެވެ. ރާނީ އަވަހާރަވީ ސެޕްޓެންބަރު 8ގައި ސްކޮޓްލެންޑުގައި ހުންނަ އެ ކަމަނާގެ ބެލްމޯރަލް ގަނޑުވަރުގައެވެ. އެ ކަމަނާގެ ހަށިކޮޅު، ސެޕްޓެންބަރު 11ގައި ސްކޮޓްލެންޑުގެ ވެރިރަށް އެޑިންބަރގްއަށް ގެންދެވޭނެއެވެ.

އެއަށްފަހު ރާނީގެ ހަށިކޮޅު ގެންދެވޭނީ ލަންޑަނުގެ ބަކިންގްހެމް ގަނޑުވަރަށެވެ. ރާނީގެ ހަށިކޮޅު ފަސްދާނުލުމަށް ޓަކައި ވެސްޓްމިންސްޓަރ ހޯލްއަށް ގެންދެވޭނީ ސެޕްޓެންބަރު 19 ވަނަ ދުވަހުއެވެ. އަދި، ޖަނާޒާގެ ކުރިން އެ ކަމަނާއަށް އެންމެ ފަހުގެ އިޙުތިރާމު އަދާ ކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

ރާނީ އަވަހާރަވެ، ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތުމުން، ޗާލްސްވަނީ އޭނާގެ ދަރިކަލުން ވިލިޔަމްއަށް ވަލީއަޙުދުގެ ލަޤަބު ކަމުގައިވާ ޕްރިންސް އޮފް ވޭލްސްގެ ލަޤަބު އަރުވާފައެވެ. ޗާލްސް އަވަހާރަވާ ދުވަހަކުން އިނގިރޭސި ތަޚުތައް ދެން އިސްވެ ވަޑައިގަންނަވާނީ ވަލީއަޙުދު ވިލިޔަމްއެވެ.

މާމާފުޅު ރާނީ އެލިޒަބަތުގެ ހަނދާންތައް ދިރުވައި އާލާކުރާނީ ބައްޕާފުޅު ޗާލްސް ބޭނުންވެ ވަޑައިގަންނަވާ ކޮންމެ ދިމާލަކުން ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވައިގެން ކަމުގައި އުމުރުން 40 އަހަރުގެ ވަލީއަޙުދު ވިލިޔަމް ވިދާޅުވިއެވެ. ރާނީ އެލިޒަބަތު އިނގިރޭސި ތަޚުތައް އިސްވެ ވަޑައިގަތީ ޗާލްސްގެ އުމުރު ފުޅުން އެންމެ ތިން އަހަރުގައެވެ. އޭނާ އިނގިރޭސި ތަޚުތައް އިސްކުރެވުނީ 70 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުއެވެ.