ޚަބަރު

ސިންގަޕޫރުން ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި


ތަޢުލީމީ ދާއިރާއާއި، އަރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓްގެ ދާއިރާތަކުން ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ސިންގަޕޫރުގެ މިނިސްޓަރ ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް، މަސަގޮސް ޒުލްކިފްލީއާއެކު ރައީސުލްޖުމްހޫރިއްޔާ ނައިބު ފައިޞަލް ނަސީމް، މަޝްވަރާ ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދާވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެޤައުމުގެ ސަރުކާރުގެ މަތީފަންތީގެ އިސްވެރިންގެ ޒިޔާރަތްތަކުގައި ދެޤައުމަށް ފައިދާ ހުރި ގިނަ ފަހުމުނާމާތަކެއްގައި ސޮއިކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، ސިންގަޕޫރަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ދިފާޢީ، އިޖުތިމާޢީ، އިޤުތިޞާދީ ތަރައްޤީއާއި، ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިންނާއި، ޒުވާނުން ބާރުވެރިކުރުވުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ތަޢުލީމީ ދާއިރާއާއި، އަރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓްގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވައި މި ދާއިރާތަކުން ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަން ބޭނުންވާކަން ހާމަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އަދި ސިންގަޕޫރުގެ މިނިސްޓަރ ފޯރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ ދެބޭފުޅުންވެސް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުންފަދަ ދެ ޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަަކުން މަޝްވަރާކުރައްވާފައެވެ. އަދި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް އުއްމީދު ކުރައްވާކަމުގައިވެސް ދެބޭފުޅުން ވަނީ ވިދާޅުވެފައެވެ.