ބައިނަލްއަޤްވާމީ ފިޒިއޮތެރަޕީ ދުވަސް ފާހަގަކުރުމަށް، ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ބޭއްވި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ބައިވެރިވެ ވަޑައިގެންފިއެވެ. ފަޒްނާ އަހުމަދު ވަނީ ދުުނިޔޭގެ ފިޒިއޯތެރަޕީ ދުވަހާ ގުޅޭގޮތުން އެމްއެންޔޫގެ ފިޒިއޯތެރަޕީ ޕްރޮގްރާމުން ތައްޔާރުކޮށްފައިވާ ވީޑިއޯ އިފްތިތާޙުކޮށްދެއްވާފައެވެ.
މި ވީޑިއޯއަކީ މި ޚިދުމަތުގެ މުހިންމުކަމާއި އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މުހިންމުކަން ފާހަގަކޮށް ތައްޔާރުކޮށްފައިވާ ޚާއްސަ ވީޑިއޯއެެވެ.
އެމްއެންޔޫގެ ފިޒިއޯތެރަޕީ ކޯސްތަކުގެ ދަރިވަރުން އިންތިޒާކުރި މިހަރަކާތުގައި ވަނީ، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ފިޒިއޮތެރަޕީގެ މުހިންމުކަމާއި ގުޅޭގޮތުން ތަފާތު މަޢުލޫމާތު ފޯރުކޮށްދީފައެވެ. މި މަޢުލޫމާތު ދިނުމަށް ބަހައްޓާފައިވާ ސްޓޯލްތަކަށް، ރައީސުލްޖުމްހޫިރއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ޒިޔާރަތްކުރައްވާ، ދަރިވަރުންނާ ބައްދަލުކުރައްވާ ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ރަސްމިއްޔާތުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން ޑޮކްޓަރ އާއިޝަތު ޝަނޫރާ ވިދާޅުވީ ޕިޒިއޮތެރަޕީގެ ޚިދުމަތަކީ، މުޅި ސިއްޙީ ދާއިރާގެ ވަރަށް މުހިންމު ޚިދުމަތެއްކަމަށާއި މިއީ ބަލި މީހާ ބަލިން ފަސޭހަވުމުގައި އެންމެ މުހިންމު އެއް ޚިދުމަތްކަމަށެވެ. ފިޒިއޯ ދާއިރާއިން ތަޢުލީމު ހޯދާ ކުދިންގެ ޢަދަދު މަޑުމަޑުން އިތުރުވަމުން އަންނަ ކަން ފާހަގަކުރައްވާ ޝަނޫރާ ވިދާޅުވީ، ގިނަ ކުދިންގެ ވިސްނުމުގައި ހުންނަނީ މި ދާއިރާއިން ތަމްރީން ލިބޭ މީހުންނަކީ ހަމައެކަނި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަން ޖެހޭ މީހުންކަމަށެވެ. ނަމަވެސް މިއީ އެއަށްވުރެ ފުޅާ ދާއިރައެއްކަމަށާ، އެކި ޚިދުމަތްތަކުގައި މަސައްކަތް ކުރެވޭނެކަމަށެވެ.
"ސްކޫލެއްގެ ދަރިވަރުންގެ ފިޒިކަލް މެއިންޓަނަންސްގައި މަސައްކަތް ކުރެވޭނެ، ހޮސްޕިޓަލް ނޫން އޮގަނައިޒޭޝަންގައި މަސައްކަތް ކުރެވޭނެ، ސްކްރީނިން ނޫނީ ރިސްކް އެސެސްމަންޓް ނުވަތަ ބަލިތަކުން ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވެވޭނެ. މިއީ ވަރަށް ފުޅާކޮށް ޚިދުމަތް ދެވޭނެ ދާއިރާއެއް." ޑރ.ޝަނޫރާ ވިދާޅުވިއެވެ.
އެމްއެންޔޫގެ ފިޒިއޮތެރަޕީ ޕްރޮގްރާމްގެ ފަރާތުން ބޭއްވި އިވެންޓްގައި މި ދާއިރާއިން ތަޢުލީމު ހާސިލުކުރަމުންދާ 54 ދަރިވަރުން ބައިވެރިވިއެވެ. އަދި މި އިވެންޓްގައި ފިޒިއޯ ތެރަޕީގެ ޚިދުމަތް ދޭ ހޮސްޕިޓަލްތަކާއި އެކިއެކި އަމިއްލަ ފަރާތްކުންވެސް ބައިވެރިވިއެވެ.