ޚަބަރު

މިއިން ޒަމާނަކު މީޑިއާތަކަށް ނުދޭވަރަށް މިނިވަންކަން މިއަދު ވަނީ ދެވިފަ: އިމްރާން


ސަރުކާރުން އޮތީ މީޑިޔާ މިނިވަންކޮށް, ހުޅުވާލާފައި ކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ މޯލްޑިވްސް މީޑިޔާ ކައުންސިލާއި, ބްރޯޑް ކާސްޓިންގ ކޮމިޝަނާއި, ޝަހީބު މީޑިޔާ ގުޅިގެން ދެހަފްތާގެ މުއްދަތަށް ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނާ މުޚާތަބުކުރައްވާ މިނިސްޓަރ ވިދާޅުވީ ރަނގަޅު ގޮތުގައި ކަމެއް ކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ އެކަމެއް ރަނގަޅަށް ދަސްކުރުންކަމަށެވެ. ކޮންމެ ކަމެއް ކުރިޔަސް އެކަމެއް ރަނގަޅަށް ކުރެވޭނީ އެކަމެއް ދަސްކޮށްގެންކަން ފާހަގަކުރައްވާ މިނިސްޓަރ އެދިވަޑައިގެންނެވީ ކޯސް ނިންމި ބައިވެރިން ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކޮށްދެއްވުމަށެވެ.

މިނިސްޓަރ ވިދާޅުވީ އަދުލުވެރިކަމާނުލާ ނޫސްވެރިކަން ކުރެވިއްޖެނަމަ ކޮންމެވެސް ދުވަހަކުން އޭގެ ޒިންމާ އަމިއްލައަށް ނަންނަގަވަން ޖެހޭނެކަމަށެވެ. ސަރުކާރުން އޮތީ މީޑިޔާ މިނިވަންކޮށް ވަރަށް ބޮޑަށް ހުޅުވާލާފައިކަމަށާއި, ރަނގަޅަށް ބައްލަވައިފިނަމަ އެކަން ފެނިވަޑައިގަންނަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން މީޑިޔާގެ މިނިވަންކަން ހަނި ނުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތިބެގެނެއް މީޑިޔާ ހަންޏެއް ނުކުރާނަން. އެކަމަކު މީޑިޔާ ޒިންމާދާރުވުމަށް މީޑިޔާ އަދުލުވެރިވުމަށް, މީޑިޔާ ރަނގަޅު ގޮތުގައި ބޭނުންކުރުން އެއީ ތިޔަބޭފުޅުންގެ ބޮލުގައި އެޅިފައި އޮތް ބޮޑު ދީނީ ޤައުމީ ބޮޑު ޒިންމާއެއް, ބޮޑު ވާޖިބެއް. އެކަން ފުރިހަމަގޮތުގައި ކޮށްދެއްވުމަކީ ތިޔަބޭފުޅުން ކޮށްދެއްވަންޖެހޭ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކުންވެސް އަދި ފަހުން އަންނާނެ ސަރުކާރުތަކުންވެސް މީޑިޔާއަށް ނުދޭހާ މިނިވަންކަމެއް މިއަދުގެ ސަރުކާރުންދީފައިވާ ކަމަށެވެ. އެހެންކަމުން މީޑިޔާތަކުން އޭގެ ޒާތުގައި ފުރިހަމަ ފައިމައްޗަށް ތެދުވެ މީޑިޔާ ވަރުގަދަކުރުން އެއީ މީޑިޔާގެ އަހުލުވެރިންގެ ޒިންމާއެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގާ, އޭގެތެރެއިން މުޖުތަމައު ހަރާބުވެ, ފަސާދައަށް ދާބަޔަކަށް މީޑިޔާ ވެގެންނުވާނެ. މީޑިޔާއަކީ ބިނާކޮށް, ޘާބިތުކޮށް, މުޖުތަމައުގެ ރައްކާތެރިކަމާއި, މުޖުތަމައުގެ ހަމަޖެހުން ކަށަވަރުކުރުމުގައި އެންމެބޮޑު ޒިންމާއެއް އަދާކުރާ އެއްބަޔަކަށްވުން އެއީ އަޅުގަނޑުމެންގެ ޤައުމުގެ ކުރިމަގަށް އޮތް ހަޤީޤީ ރަނގަޅަކީ. އެދިމާއަށް ދަތުރުކުރުން އެއީ ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު ވަރަށްބޮޑަށް އެދޭކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

ކުރިއަށް އޮތީ ސިޔާސީގޮތުން ހަލަބޮލި ދުވަސްތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރ އެދިވަޑައިގެންނެވީ އަދުލުވެރިކަމާއި, ޒިންމާދާރުކަމާއެކުގައި މީޑިޔާގެ މަސައްކަތްކުރެވި އަޅުގަނޑުމެންގެ ޤައުމަށް އެންމެ ފައިދާވާގޮތަށް މައުލޫމާތުތައް ފޯރުކޮށްދެވި, އެކަންކަން ބައްޓަންކޮށްދެއްވުމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި، ބްރޯޑްކޮމް އަދި ޝާހީބް މީޑިއާ ގުޅިގެން 21 އޮގަސްޓް އިން 6 ސެޕްޓެމްބަރަށް ކުރިއަށްދިޔަ ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ތަމްރީން ކޯސް 20 މީހުންވަނީ ފުރިހަމަކޮށްފައެވެ.