ޚަބަރު

ރައީސް ޔާމީންގެ ބަލިހާލަތު ހުރިގޮތުން މިއަދުގެ ޝަރީއަތް ކެންސަލް


ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލާގެ މިއަދު އަޑު އެހުން ކެންސަލް ކޮށްފިއެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިމައްސަލައިގައި މިހާރު ކުރިއަށްދަނީ ދިފާއުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމެވެ. މިއަދުވެސް ތާވަލް ކޮށްފައިވަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް ޞިއްހީ ހާލުކޮޅު ހުރި ގޮތުން މިއަދުގެ އަޑު އެހުން ކެންސަލް ކޮށްދެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސިޓީއަކުން އެދިފައިވާތީ މިއަދުގެ އަޑު އެހުންވަނީ ކެންސަލް ކޮށްފައެވެ.

މި މައްސަލާގައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވަނީ ނަގާ ނިމިފައެވެ. ދިފާއުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލާގައި ހުށަހަޅާފައިވަނީ 7 ހެކިންނެވެ. ޝަރީއަތުން މަސައްކަތް ކުރަނީ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމައި ހުލާސާ ބަޔާން އަންނަ އޮގަސްޓްމަހު ހުށަހެޅުމަށެވެ.

އޭގެ ފަހުން އެއްމަސް ދުވަހުގެ ތެރޭގައި މިމައްސަލައިގައި ހުކުމް އިއްވާނެކަމަށް މިމައްސަލަ ބައްލަވާ ޤާޟީ އަހުމަދު ޝަކީލް ވަނީ ވިދާޅުވެފައެވެ.