ޚަބަރު

އިމްރާން އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި


ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކުރައްވާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކޯޓު އަމުރެއްގެ ދަށުން މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިކަން ފުލުހުން ކަށަވަރުކޮށްދެއްވި ނަމަވެސް ކޯޓު އަމުރެއްގެ ދަށުން މިރޭ ފުލުހުންގެ ބެއްލެވުމުގެ ދަށަށް އިމްރާން ގެންދެވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.ފުލުހުންގެ ބެއްލެވުމުގެ ދަށަށް އިމްރާން ގެންގޮސްފައިވާއިރު، އޭނާއާ ދެކޮޅަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުއްލަވާފައެވެ. އިމްރާނުގެ މައްޗަށް އުފުއްލަވާފައިވާ ޓެރަރިޒަމްގެ ދައުވާގައި ބުނެފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަށް މުޒާހަރާގެ ބައިވެރިން ވަދެ، ފުލުހުންނާއި ކުރިމަތިލާ، ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށެވެ.