ޚަބަރު

ހުޅުމާލޭގައި ދިރިއުޅޭ މެމްބަރުން އާރުޓީއެލް ބަހުގައި މަޖިލީހަށް


ރާއްޖޭގެ ދަތުރު ފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ ޓްރާންސްޕޯޓް ލިންކުގެ ދަށުން މާލެ ސަރަހައްދުގެ ދަތުރުފަތުރަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. ހުޅުމާލެއިން މާލެއަށް ފަސޭހައިން ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެންމެ ޒަމާނީ ބަސްތަކެއް ގެނެސް ޚިދުމަތް ދަނީ ދެމުންނެވެ.

ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ދިރިއުޅޭ މީހުންނަށްވެސް މިހާރު ފަސޭހައިން މާލެއަށް އައިސްގޮސް ހެދޭނެ އިންތިޒާމު އާރުޓީއެލް ޚިދުމަތުގެ ތެރެއިން ވަނީ ހަމަޖައްސާފައެވެ. މާލެއާއި އަތޮޅުތަކުގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް 41 ބަހެއް އެމްޓީސީސީން ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން މާލޭގައި މި ޚިދުމަތް ދިނުމަށް 12 ބަހެއް ގެނެސް މިހާރު ދަނީ ޚިދުމަތް ދެމުންނެވެ.

ރާއްޖޭގެ ޓްރާންސްޕޯޓް ލިންކުގެ ދަށުން މާލެ ސަރަހައްދުގައި ފަށާފައިވާ ބަހުގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. މިޚިދުމަތް އާންމު ރައްޔިތުންނާއި ސަރުކާރުގެ މުވައްޒިފުންނާއި، އެކި އިދާރާތަކުގެ އިސްވެރިންވެސް ދަނީ ހޯދަމުންނެވެ. މިއަދު މަޖިލީހުގައި ކުރިއަށްދާ މިހަފްތާގެ ފަހު ޖަލްސާއަށް ހުޅުމާލޭގައި ދިރިއުޅޭ މަޖިލިސް މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ވަޑައިގެންނެވީވެސް ބަހުގައެވެ.

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަކީ ރައްޔިތުންގެ ލުއިފަސޭހައަށް ގެނެވޭ ބަދަލެކެވެ. މާލޭގެ އެތެރޭގައި މިހަފްތާގެ ހޯމަ ދުވަހު މިނީ ބަހުގެ ޚިދުމަތް ފަށާފައިވާއިރު ފުރަތަމަ ދުވަހުވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. ފުރަތަމަ ދުވަހުއެކަނިވެސް 2000 އަށްވުރެ ގިނަ މީހުން ބަހުގައި ދަތުރުކޮށްފައިވެއެވެ.

ފުރަތަމަ ދެހަފްތާގެ ތެރޭގައި ބަހުގެ ޓެސްޓު ދަތުރުތައް ކުރަމުންދާއިރު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ. ޚިދުމަތް ދިނުމުގައި ސްކޫލް ކުދިންނާއި ޢުމުރުން 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ތުއްތު ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވެއެވެ. ބަހުގެ ޚިދުމަތަށް 7 ރުފިޔާ ކަނޑައަޅާއިވާއިރު މިއީ މިޚިދުމަތް މީގެ 14 އަހަރު ކުރިން އެންމެ ފުރަތަމަ ފެށިއިރާ އަޅާބަލާއިރު 2 ރުފިޔާގެ އިތުރުވުމެކެވެ. ބަހުގެ ޚިދުމަތް ފަސޭހަކުރުމަށް އޮންލައިންކޮށް ދުރާލާ އާރްޓީއެލް އެޕް ބޭނުންކޮށްގެން ޓިކެޓު ނެގޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުގެ އަމާޒަކީ ބަހުގެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު އިތުރުކޮށް، އާންމު ދަތުރުފަތުރަށް ބޮޑު ލުއިފަސޭހަކަމެއް ގެނެސް ދިނުމެވެ. މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީގެ އިތުރުން ލ.އަތޮޅުގައިވެސް އާރުޓީއެލްގެ ޚިދުމަތް ދަނީ ދެމުންނެވެ.