ޚަބަރު

ޖަލުތަކުގައި އަނިޔާކޮށް ދެރަގޮތް ހެދުމަކީ މާޒީ، އެޖާގަ މިހާރަކު ނޯންނާނެ: އިމްރާން


ރާއްޖޭގެ ޖަލުތަކުގައި ޤައިދީންނަށް އަނިޔާކޮށް، ނިކަމެތި ގޮތްތައް ހެދުމަކީ މާޒީކަމަށާއި، އެކަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 51 އަހަރު ފުރުން ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކުގެ ނިޒާމް ރިފޯމްކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ވައުދެއްކަމަށާއި, އެވައުދު ފުރިހަމަކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ވޭތުވެދިޔަ 50 އަހަރު އެއް ސަރުކާރަކަށް ނުކުރެވޭ ގިނަ މަސައްކަތް މިސަރުކާރުން ކޮށްފައިވާކަމަށެވެ. ރާއްޖޭގެ ޖަލުތަކަކީ ޤައިދީންނަށް އަނިޔާކުރުމާއި, ނިކަމެތި ގޮތްތަކާއި ކުރިމަތިލާން ޖެހިފައި އޮތްތަނެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ވަނީ އެކަން މާޒީގެ ސަފްހާތަކުގެ ތެރެއަށް ދޫކޮށްލާފައިކަމަށެވެ. ދިވެހިރާއްޖޭގެ ޖަލުތަކުގައި ޤައިދީއަކަށް ޤަސްތުގައި އެނގިހުރެ އަނިޔާކުރާ އެއްވެސް އޮފިސަރަކަށް ޖާގައެއް ނޯންނާނެކަމަށާއި, އެކަން ހުރިހާ އޮފިސަރުންނަށް އެނގޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ ހާލަތު ބަދަލުކުރަން ސަރުކާރުން ކުރައްވާ އެންމެ މުހިއްމު ކަމަކީ ރިހިބިލިޓޭޓްކުރުންކަމަށެވެ. ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ. މިސަރުކާރު ހަވާލުވިއިރު ރާއްޖޭގެ ޖަލުތަކުގެ ރިހިބިލިޓޭޝަން ނިޒާމް އޮތީ ބޮޑުތަނުން ފުރިހަމަކޮށް ރަނގަޅުކުރަން ޖެހިފައިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެމަސައްކަތުގެ ތެރެއިން މުޅިން އަލަށް ކަރެކްޝަންގެ އެހެން ކޮމާންޑްތަކާ އެއްލެވެލްއެއްގައި ރިހިބިލިޓޭޝަން ކޮމާންޑެއް އުފއްދާ ކަރެކްޝަންގެ އޮނިގަނޑުގެ ތެރޭގައި ހިމަނާ ބޭނުންވާނެ މުވައްޒަފުން ގޮންޖެހުންތަކާއެކުވެސް ހޯދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެންގެ އަމާޒަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބޭ ހުރިހާ ޤައިދީންނަކީވެސް ރިހިބިލިޓޭޓްވާންޖެހޭނެ މީހުންކަމުގައި ހެދުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ހަޤީޤަތުގައިވެސް އިމްރާން ޖަލަށް ލިޔަސް, ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޓް ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ. އެއީ އެކަން އޮތްގޮތް, އެތަނަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަންވެގެން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖަލުތަކުގައި ނުރައްކާތެރި ޤައިދީން ބެލެހެއްޓުމަކީ ބިރުވެރި, ދަތި އުނދަގޫ, ގޮންޖެހުން ބޮޑުކަމެއްކަމަށެވެ. އަދި އެމަސައްކަތް ކުރަން ތިއްބެވި އޮފިސަރުންނަކީ ވަރަށް ކެތްތެރި ޤާބިލް އިޚުލާސްތެރި ބައެއްކަމަށެވެ. އެބޭފުޅުން ކޮށްދެއްވަނީ ވަރަށްބޮޑު ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ, އޮފިސަރުންނާއި, އޮފިސަރުންގެ އާއިލާތަކަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. އަދި އެއާއެކު މިނިސްޓަރ ވަނީ އޮފިސަރުން އިތުރަށް ކެތްތެރިވެވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ.

"ތިޔަބޭފުޅުން މިހާރަށްވުރެވެސް ބޮޑަށް ކެތްތެރިވެވަޑައިގަންނަވާށޭ. މިހާރަށްވުރެ ބޮޑަށް ހިތްތިރިކުރާށޭ. އޯގާވެރިކަމާއި ރަހުމު އިސްކުރާށޭ. ޤައިދީއަކަށް އަނިޔާކުރުމަކީ ކުރެވޭނެކަމެއް ނޫން. އެއީ ކިތަންމެ ބޮޑު ކުށެއްކޮށްފައިވާ ޤައިދީއެއް ނަމަވެސް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަނިޔާ ލިބިގެންވާ މީހާގެ ދުއާއަކީ ވަރަށް ނުރައްކާތެރި އެއްޗެއްކަމަށާއި, އެއްވެސް އޮފިސަރަކު އެއްވެސް ހައިސިއްޔަތަކުން ޤައިދީއަކަށް އަނިޔާކޮށްގެން ނުވާނެކަމަށެވެ. އެމީހުންނާ މުއާމަލާތްކުރަންވާނީ އޯގާވެރިކަމާއި ރަހުމާއެކުކަން ތަކުރާރުކޮށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.