ޚަބަރު

"ދުލްހޭ ރާޖާ" ގެ ރައިޓްސް ޝާހުރުކު ޚާން ގަނެ، ރީމޭކެއް ހަދަނީ


1998 ވަނަ އަހަރު ހަރްމޭޝް މަލޯތްރާ ގެނެސްދިން ފިލްމު "ދުލްހޭ ރާޖާ" ގެ ރައިޓްސް ސުޕަސްޓާ ޝާހުރުކްޚާން ގަނެފިއެވެ.

ގޯވިންދާގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ މި ފިލްމަކީ ރަވީނާ ޓަންޑަން އާއި ގޯވިންދާ ލީޑްރޯލުން ފެނުނު ފިލްމުކެވެ. މި ދެތަރިންގެ އިތުރުން މީގެ ކާސްޓުގައި ކުރީގެ އެކްޓަރު ކާދަރު ޚާނާއި ޖޯނީ ލީވާ އާއި ޕްރޭމް ޗޯޕްޅާ އާއި އާސްރާނީ ވެސް ހިމެނެއެވެ.

ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓުން "ދުލްހޭ ރާޖާ" ގެ ރައިޓްސް ހޯދުމަށް ފަހު، އޭގެ ސްކްރީން ޕްލޭ މި ޒަމާނަށް ފެތޭ ގޮތަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. އައު ފިލްމުގެ ސްކްރީން ޕްލޭ ލިޔަނީ ސްކްރީން ރައިޓަރު/ޑައިރެކްޓަރު ފަރުހާދު ސަމްޖީއާއެވެ.

މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ވަނީ ފިލްމުގެ ބްލެންކެޓް ރައިޓްސް ހޯދާފައެވެ. "ސެޓެލައިޓް" އަދި "ޑިޖިޓަލް" ރައިޓްސްވެސް އޮތީ އެސްއާރުކޭ އާއި އޭނާގެ ކުންފުންޏަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަރުހާދު މިހާރު އަންނަނީ މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ކިސީ ކާ ބާއީ ކީސީ ކާ ޖާން" ގެ މަސައްކަތްކުރަމުންނެވެ. އޭނަ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މާޗްގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" އެވެ.

"ދުލްހޭ ރާޖާ" ގެ ރައިޓްސް ޝާހްރުކް ހޯދައި، އެ އަސްލަކަށް ބަލައިގެން ފިލްމެއް ހަދަން ނިންމާފައި އޮތް ނަމަވެސް މިއާއި ބެހޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.