ޚަބަރު

އާރް.ޓީ.އެލްގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް.) ފެރީގެ ޚިދުމަތުގެ ފުރަތަމަ މަރުޙަލާގައި ހިމެނޭ ޒޯން 1 ގެ މަސައްކަތް ސަރުކާރުން އެއްކޮށް ނިންމާލުމާއި، މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ކެބިނެޓުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންނާއިއެކު ބޭއްވި މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ފަރާތުން ވަނީ ޚާއްޞަ ޕްރެޒެންޓޭޝަންތަކެއް ހުށައަޅުއްވާފައެވެ. މި ޕްރެޒެންޓޭޝަންތައް ބިނާކޮށްފައިވަނީ އާރް.ޓީ.އެލް ފެރީގެ ޚިދުމަތާއި، މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތަކުގެ މައްޗަށެވެ.

މިގޮތުން، އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައި ވަނީ ޒޯންތަކަކަށް ބަހާލައިގެން ތިން މަރުޙަލާއެއްގައި ކަމަށާއި، އަދި ޒޯން 1 ގައި ހިމެނޭ ހއ، ހދ، ށ، އަތޮޅުގައި އާރް.ޓީ.އެލް. ފެރީގެ ޚިދުމަތް ކާމިޔާބުކަމާއެކީ ކުރިޔަށްގެންދާކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މި ޚިދުމަތުގެ ދެވަނަ މަރުޙަލާ އަދި ތިން ވަނަ މަރުޙަލާގެ މަސައްކަތްތައް ތަންފީޒުކުރާނެގޮތުގެ އިތުރު މަޢުލޫމާތު ވަނީ ބައްދަލުވުމުގެ ބައިވެރިންނާ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް މާލޭގައި ފަށާފައިވާ މިނީ ބަހުގެ ޚިދުމަތަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުމާއި ތަރުޙީބު ލިބެމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ކަމާގުޅޭ މުއައްސަސާތައް ގުޅިގެން މި ޚިދުމަތްތައް އިތުރަށް ކާމިޔާބުކަމާއެކު ހަރުދަނާކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.