ޚަބަރު

އާރަށް ވަކިބަޔަކަށް ކުއްޔަށްދީ، އަގުކުޑަކުރަން އެންގެވީ ރައީސް ޔާމީން: އަދީބު


ވ.އާރަށް ވަކި ބަޔަކަށް ކުއްޔަށްދިނުމަށާއި، އާރަށުގެ އަގު ކުޑަކުރުމަށް ނިންމެވީ ކުރީގެ ރައީސް ޔާމީން އަންގަވައިގެން ކަމަށް އެމަނިކުފާނުގެ ނައިބް ރައީސްކަން ކުރެއްވި އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ. އަދީބް މިހެން ވިދާޅުވީ މިމައްސަލައިގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުންނެވެ.

ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މިދައުވާގައި ބުނެފައިވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއްމިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ޔޫސުފް ނައީމް ދެއްވިކަމަށެވެ.

މިމައްސަލައިގައި މިއަދުގެ އަޑު އެހުމުގައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް ނަގާފައެވެ. ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ އާރަށުގެ މުއާމަލާތް ފެށިފައިވަނީ ޔޫސުފް ނައީމް އޭނާގެ ގާތު އާރަށަށް އިންވެސްޓް ކުރާނެ ބަޔަކު ތިބިކަމަށް ބުނެ ވާހަކަ ދެއްކި ހިސާބުންކަމަށެވެ. ނަމަވެސް އެރަށަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮތް ރަށަކަށްވުމުން ކޮށްދެވޭނެ ކަމެއް ނެތްކަމަށް ދަންނަވާފައިވާނެކަމަށެވެ.

މިމުއާމަލާތް މިހެން ހިގާފައިވަނިކޮށް ރައީސް ޔާމީން އޭނާއަށް ގުޅުއްވައި އެރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ނެގުމަށް ދެންނެވިކަމަށެވެ. އަދި އެރަށް ޓޫރިޒަމަށް ބަދަލު ކުރުމަށް، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އުފައްދަވާފައިވާ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި، އެރަށް ޓޫރިޒަމްގެ ދަށަށް ބަދަލު ކޮށްފައިވާކަމަށެވެ.

އާރަށް ކުއްޔަށް ދިނުމަށް ފުރަތަމަ ކުރެވުނު މަޝްވަރާތަކުގައި ނިންމީ ފަސް މިލިޔަން ޑޮރަލަށް ދޭށެވެ. ނަމަވެސް އެއަގުބޮޑުވެގެން ތިން މިލިޔަން ޑޮލަރަށް ކުޑަކޮށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރަށް ދޭން ރައީސް ޔާމީން އެންގެވިކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމާއި ހަމައަށް ދިޔައިރު އަގު ދެމިލިޔަން ޑޮލަރަށް ކުޑަކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއަގަށް ކަމަށް އަދީބު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އޭގެ ތެރެއިން 1 މިލިޔަން ޑޮލަރު ރައީސް ޔާމީނަށް ދެއްވިކަމަށް ޔޫސުފް ނައީމް އޭނާގެ ގާތުގައި ވިދާޅުވެފައިވާކަމަށްވެސް އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ. އަދީބް ވިދާޅުވީ ރައީސް ޔާމީން އެކި މުއާމަލާތްތަކުގައި އާންމު އުސޫލުން ބޭރުން ކަންކަން ކުރުމަށް އޭނާއަށް އިރުޝާދު ދެއްވަމުން ގެންދެވިކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީން ފައިސާ ނެންގެވުމަށާއި، އިކޮނޮމިކް ކައުންސިލުން ވަކި ގޮތަކަށް ކަންކަން ނިންމުމަށް ނުފޫޒު ފޯރުވަމުން ގެންދެވިކަމަށެވެ.

މިމައްސަލައިގައި ދައުލަތުންވަނީ މިއަދު އޯޑިއޯތަކެއް ހުށަހެޅުމަށް އެދިފައެވެ. ނަމަވެސް އޯޑިއޯތައް މިއަދުގެ އަޑުހުމުގައި ޕްލޭކުރުމަށް ފުރުސަތު އިސްޤާޟީ ނުދެއްވައެވެ. ނަމަވެސް އޯޑިއޯތަކުގައި ހިމެނޭ ކަންކަމާއި ގުޅޭ ސުވާލުތައް ކުރުމަށް ވަނީ ފުރުސަތު ދެއްވާފައެވެ.

މިމައްސަލައިގައި މާދަމާވެސް އަޑު އެހުމެއް ބޭއްވުމަށް ޤާޟީ ވަނީ ތާވަލް ކުރައްވާފައެވެ. މާދަމާ އޮންނާނީ ދިފާއުން ހުށަހަޅާ ހެއްކެއްގެ ހެކިބަސް ނެގުމެވެ.