ޚަބަރު

ޑރ.ޖަމީލްގެ މައްސަލައެއް ބާ ކައުންސިލުން ބަލަނީ


ކުރީގެ ނާއިބް ރައީސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަޙްމަދުގެ މައްސަލައެއް ބާ ކައުންސިލުން ބަލަން ފަށައިފިއެވެ.

ޑރ.ޖަމީލާ ގުޅޭގޮތުން ބާ ކައުންސިލުން ބަލަމުންދާ މައްސަލައަކީ އަމިއްލަ ފަރާތަކުން ހުށަހަޅި މައްސަލައެކެވެ. މުޙައްމަދު އަނީސް ކިޔާ މީހަކު ހުށަހެޅި މިމައްސަލައަކީ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތެއްގައި ވަކާލާތު ކުރައްވަމުން ފަނޑިޔާރުންނާއި މުޚާތަބު ކުރައްވައި ޑރ.ޖަމީލް ދެއްކެވި ވާހަކަތަކައި ގުޅިގެންނެވެ.

މިމައްސަލާގައި ބުނެފައިވަނީ ޑރ.ޖަމީލް ކޯޓުގައި ވާހަކަ ދައްކަވާފައިވާގޮތުން ޤާނޫނީ ފަންނުގެ ޤާނޫނުގައި ބުނާ ވަކީލުންގެ ނަޒާހާތްތެރިކަމާއިމެދު ސުވާލު އުފެދޭކަމަށެވެ.

މިމައްސަލައަކީ ޑރ.ޖަމީލްގެ އަނބިކަނބަލުންގެ ޢާއިލީ ވިޔަފާރިއާ ގުޅޭ ފިހާރައެއް މީހަކާ ހަވާލުކުރުމާ ގުޅޭގޮތުން ހައިކޯޓާއި، ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައެވެ.

ބާ ކައުންސިލުން މިމައްސަލަ ބަލާކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައިވަނީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. ނަމަވެސް މިމައްސަލާގައި މިހާތަނަށް އަދި ވަކިގޮތެއް ނިންމާފައި ނުވެއެވެ.