ޚަބަރު

މިމަހުގެތެރޭގައި ބ.އަތޮޅުގެ 5 ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތް ފަށަނީ


ފެނާއި ނަރުދަމާ ނެތް ބ.އަތޮޅުގެ ފަސްރަށެއްގައި މިމަހުގެތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މަސައްކަތުގެ ކޮންޓެކްޓަރ ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. އެކުންފުނިން ވިދާޅުވީ މިމަހުގެތެރޭގައި ޢަމަލީ މަސައްކަތް ފަށާނީ ބިން ސާފުކޮށްފައި ހުރި ރަށްތަކުގަކަމަށެވެ.

ފެނާ ނަރުދަމާ ނެތް މި ފަސްރަށުގެ މަޝްރޫޢުތަކުގެ ޑިޒައިން ނިމިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އެކުންފުނީގެ އަމާޒަކީ މިމަހުގެތެރޭގައި ޢަމަލީ މަސައްކަތް ފެށުންކަމަށާ، އެގޮތުން ރަށްރަށަށް ގެންދަންޖެހޭ ސާމާނު މިހާރު ރަތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން އެކުންފުނީގެ ވޯޓަރ އެންޑް ސެނިޓޭޝަން ޕްރޮޖެކްޓް ޑައިރެކްޓަރ އަތުހަރު ހަލީމް ވިދާޅުވިއެވެ.

އަތުހަރު ވިދާޅުވީ ޢިމާރާތް ހަދަން ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ގަނެފައި ދޯނިތަކަށް ބަރުކޮށްފައި ވީނަމަވެސް ކަނޑުގަދަވުމުގެ ސަބަބުން ބައެއްރަށްތަކަށް ސާމާނު ނުފޮނުވޭކަމަށެވެ. މިމަހުގެތެރޭގައި މަސައްކަތް ފެށުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އަތުހަރު ވިދާޅުވީ މަސައްކަތް ކުރުމަށް ދިވެހިން ހޯދުމަށް މިހާރު އިއުލާން ކޮށްފައިވާކަމަށެވެ.

"ސާމާނުތައް މިހާރު ހުރީ ބަރުކުރެވިފައި ބައެއް ރަށްތަކަށް ކަނޑު ގަދަވުމުގެ ސަބަބުން އަދި ދޯނިތައް ނުފުރާ އެހެންނަމަވެސް ލަސްނުވެ މުދާތައް ފޮނުވޭނެ، މަސައްކަތް ކުރުމަށް ދިވެހިން ހޯދުމަށް ޚާއްސަ އިސްކަމެއްދޭނަން މިހާރުވަނީ ކައުންސިލްތަކަށް އަންގާފައި މުވައްޒަފުން ހޯދުމަށް" އަތުހަރު ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި މިމަސައްކަތަށް ބޭނުވާ ސާމާނު އަރުވާފައިވަނީ އެއަތޮޅު ދޮންފަނަށް އެކަންޏެވެ. މިމަސައްކަތަށް ބޭނުންވާ ބައެއް ސާމާނު މިހާރު ގެންގޮސްފައިވާކަމަށް ދޮންފަނު ކައުންސިލުންވެސް ވިދާޅުވެއެވެ. އެއީ ސައިޓް މޮބަލައިޒް ކުރުމަށް ގެނައި ސާމާނުކަމަށާ، މި މަސައްކަތް ފެށުމަށް އެރަށުން މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ދޮންފަނު ކައުންސިލުން ވިދާޅުވެއެވެ.
ބ.އަތޮޅުގައި ފެނަކައިން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދަނީ ދޮންފަނުގެ އިތުރުން ކުޑަރިކިލާއި ކިހާދުއާއި ފުޅަދޫގެ އިތުރުން ފެހެންދޫގައެވެ.

މިހުރިހާރަށެއްގެ ބިން މިހާރު ހަމަޖެހިފައިވާކަމަށާ، ނަމަވެސް ބައެއްރައްތަކުގެ ބިން އަދި ސާފުނުވާކަމަށް ފެނަކައިން ވިދާޅުވެއެވެ. ބިންސާފުކޮށްފައިވަނީ މީގެތެރެއިން 1 ރަށެއްގައިއެވެ. އެއީ ދޮންފަނެވެ. އަނެއް ހަތަރު ރަށުގައި ބިން ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ބިންތަކުގައި ހުރި ރުއްގަސްތަކަށް ބަދަލު ދިނުމުގެ މަސައްކަތް ވެސް ބައެއް ރަށްތަކުގައި ކުރިއަށްދާކަމަށް އެރަށްރަށު ކައުންސިލްތަކުން ބުނެއެވެ.
މި ފަސްރަށުގައި މި މަސައްތް ކުރުމަށް ފެނަކައާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. މި މަސައްކަތް ފެށުމަށް ހަދަން ޖެހޭ ސާވޭތަކުގެ މަސައްކަތް ބައެއް ރަށްރަށުގައި ނިމިފައިވާކަމަށް ފެނަކައިން ވިދާޅުވެއެވެ. އީއައިއޭ ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ފުޅަދޫގައެވެ.

މި މަސައްކަތް ކުރިއަށްގެންދާނީ އެރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދާ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް ފެނަކައިން ވިދާޅުވެއެވެ. މި 5 ރަށުގެ ސާވޭގެ މަސައްކަތް ކުރަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އީޕޮކްއިންނެވެ.