ޚަބަރު

ޖުލައިމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 61 މިލިއަނަށްވުރެ ގިނަ ރުފިޔާ


މިދިޔަ ޖުލައިމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 61 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ޖުލައިމަހު ގްރީން ޓެކްސްގެ ގޮތުގައި 61 މިލިއަންއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، މީގެތެރެއިން 58.3 މިލިއަން ރުފިޔާ ލިބިފައިވަނީ ރިސޯޓުތަކުންނެވެ. އަދި ހޮޓާތަކުން 1.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގެސްޓުހައުސްތަކުން 1.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ 22.8 މިލިއަން ރުފިޔާއެވެ. ދެން އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ލިބިފައިވަނީ އދ. އަތޮޅުންނެވެ. އެއީ 6.7 މިލިއަން ރުފިޔާއެވެ.

3 ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 4.6 މިލިއަން ރުފިޔާއާއެކު ރ. އަތޮޅުންނެވެ. މިއީ މުޅިންވެސް ރިސޯޓްތަކުން ގްރީން ޓެކްސްގެ ގޮތުގައި ރ. އަތޮޅުން ލިބިފައިވާ އަދަދުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެންމެ މަދުން ގްރީން ޓެކްސް ލިބުނު އަތޮޅުތަކަކީ ހދ. އަތޮޅާއި، ތ. އަތޮޅުންނެވެ. އެގޮތުން ހދ. އަތޮޅުން ޖުލައިމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 1290 ރުފިޔާއެވެ. ތ.އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި 2626 ރުފިޔާވަނީ ލިބިފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ.

ގްރީން ޓެކުހަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ކޮންމެ މަހަކު ވެސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހެއެވެ. ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހެވެ. އެހެންކަމުން ޖުލައިމަހުގެ ގްރީން ޓެކްސްގެ ގޮތުގައި އާއްމުކުރާ ތަފާސް ހިސާބަކީ ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުން ނަގާފައިވާ ފައިސާއެވެ.

އަލަށް ގެނައި އިސްލާހަކާއެކު ގްރީން ޓެކްސް ނެގުމުގައި ހުއްޓުންތަކެއް އައިނަމަވެސް، އެކަން އިސްލާހުކުރަން ސަރުކާރުން ވަނީ ޤާނޫނަށް އަނެއްކާވެސް އިސްލާހު ވަނީ ހުށަހަޅާފައެވެ. އެ އިސްލާހުގައިވާ ގޮތުން ގްރީން ޓެކްސް ނެގުން ހުއްޓުމަަކަށް ނާންނާނެއެވެ.