ޚަބަރު

މިނީ ބަހުގެ ހިދުމަތް ރައްޔިތުން ބޭނުންވޭ؛ ފުރަތަމަ ދުވަހުވެސް 2000 އަށްވުރެ ގިނަ މީހުން


މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށި ފުރަތަމަ ދުވަހުއެކަނިވެސް 2000 އަށްވުރެ ގިނަ މީހުން ބަހުގައި ދަތުރުކޮށްފިއެވެ.

މިނީ ބަހުގެ ހިދުމަތް އިއްޔެ ފަށާފައިވާއިރު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

މިނީ ބަހުގެ ހިދުމަތުގެ ފުރަތަމަ ދުވަހުގެ ތަފާސް ހިސާބުތައް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިހާރު ވަނީ އާއްމުކޮށްފައެވެ.

އާޒިމް އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަތަމަ ދުވަހުވެސް މިނީ ބަހުގައި 2257 މީހަކު ވަނީ ޚިދުމަތް ހޯދާފައެވެ.

3 ރޫޓަކުން ބަހުގެ ޚިދުމަތް ފަށާފައިވާއިރު 621 މީހަކު ވަނީ އޯކިޑް ރޫޓުން ޚިދުމަތް ހޯދާފައެވެ. ސޯސަން ރޫޓުން 754 މީހަކު ޚިދުމަތް ހޯދާފައިވާއިރު އެންމެ ގިނަ ބަޔަކު ދަތުރުކޮށްފައިވަނީ އަމީނީ ރޫޓުންނެވެ. އަމީނީ ރޫޓުން 882 މީހަކު ޚިދުމަތް ހޯދާފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އެމްޓީސީސީއިން ހޯމަދުވަހު ބަހުގެ ޚިދުމަތް މާލެ ތެރޭގައި ފަށާފައިވާއިރު މިއީ ގިނަ ބަޔަކުން ކުރަމުން އައި އިންތިޒާރެކެވެ. މާލޭގައި އެކަށީގެންވާ ދަތުރުފަތުގެ ނިޒާމެއް މީގެކުރިން ޤާއިމުކުރުމަށް މަސައްކަތްކޮށްފައިވީނަމަވެސް އެކަން އޭރު ކާމިޔާބެއް ނުވެއެވެ. އެއާއެކު މާލެއަށް ބޭނުންވާ ގޮތަށް ބަސްތައް ފަރުމާކޮށް މީހުން އެންމެ ބޮޑަށް ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ރޫޓުތައް ދެނެގަނެ އެމަގުތައް ބަސްދުއްވޭނެ ފަދަގޮތަކަށް ބަދަލުގެނެސް ބަހުގެ ޚިދުމަތް ވަނީ ފަށާފައެވެ.

ފުރަތަމަ ދެހަފްތާގެ ތެރޭގައި ބަހުގެ ޓެސްޓު ދަތުރުތައް ކުރަމުންދާއިރު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ. ޚިދުމަތް ދިނުމުގައި ސްކޫލް ކުދިންނާއި ޢުމުރުން 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ތުއްތު ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވެއެވެ. ބަހުގެ ޚިދުމަތަށް 7 ރުފިޔާ ކަނޑައަޅާއިވާއިރު މިއީ މިޚިދުމަތް މީގެ 14 އަހަރު ކުރިން އެންމެ ފުރަތަމަ ފެށިއިރާ އަޅާބަލާއިރު 2 ރުފިޔާގެ އިތުރުވުމެކެވެ. ބަހުގެ ޚިދުމަތް ފަސޭހަކުރުމަށް އޮންލައިންކޮށް ދުރާލާ އާރްޓީއެލް އެޕް ބޭނުންކޮށްގެން ޓިކެޓު ނެގޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގައި އެއްގަމާއި ކަނޑުމަގުން ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މިގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ނަމުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެހެން ޤައުމީ ފެރީގެ ޚިދުމަތްވަނީ ފަށާފައެވެ. ހަމައެއާއެކު މާލޭގެއާއި ރަށްރަށުގައި ބަހުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިނީ ބަހަކީ މީގެދަށުން އެމްޓީސީސީން ކުރިއަށްގެންދާ އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ.