ދުނިޔެ

ސޫރިޔާއަށް ހަނގުރާމަވެރިން ވަނުން ހުއްޓުވަންޖެހޭ - ޚާރިޖިއްޔާ


ތުރުކީވިލާތާއި އުރުދުންގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ހަނގުރާމަވެރިން ސޫރިޔާއަށް ވަނުން ނުހުއްޓުވެނީސް ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް ހުއްޓާނުލެވޭނެ ކަމަށް އެޤައުމުގެ ޚާރިޖީ ވަޒީރު ވަލީދުލް މުއައްލިމް ވިދާޅުވެއްޖެއެވެ.ސޫރިޔާގެ ރަސްމީ ޓީވީއިން ދުރަށް ފޮނުވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަލީދުލް މުއައްލިމް ވިދާޅުވީ ތުރުކީވިލާތާއި އުރުދުންގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ސޫރިޔާއަށް ހަނގުރާމަވެރިން ވަނުން ހުއްޓުވުމުގެ އިތުރުން ޓެރަރިސްޓް ޖަމާޢަތްތަކަކީ ކޮން ޖަމާޢަތްތަކެއްކަންވެސް ކަނޑައަޅައި އެކަމަށް ހުރިހާ ފަރާތްތަކަކުންވެސް އެއްބަސްވާން ޖެހޭކަމަށެވެ.ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތަކަށް ބޭނުންވާ ހަތިޔާރާއި އެނޫންވެސް ތަކެތި އަންނަނީ ތުރުކީވިލާތާއި އުރުދުންގެ މަގުންކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ސަބަބުން، މިދެޤައުމާއި ސޫރިޔާއާއި ދެމެދުގައިވާ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ.