މިނީ ބަހުގެ ޚިދުމަތްދެމުންދާ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިނީ ބަހުގެ ޚިދުމަތްދެމުންދާ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ފަށައި މިވަނީ މިނީ ބަހުގެ ޚިދުމަތް އިއްޔެ ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ޢާއްމު ދަތުރުފަތުރުގެ ނިޒާމެއް މާލޭގައި ޤާއިމުކުރުމަށްޓަކައި މާލޭގެ މަގުތަކާއި އެކަށީގެންވާ ބަސްތައް ގެނެސް، އެ ހިދުމަތް ދެމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީނެވެ.
ޚިދުމަތް ފަށާފައިވާއިރު، ބަހުގެ ރޫޓުގައި ހިމެނޭ މަޖީދީމަގާއި އަމީނީ މަގުގައި ޕާކުކުރުން ހުއްޓުވާ އެސަރަޙައްދުތަކުގައި ޕާކުކުރެވޭނެ ޖާގަތައް ވަނީ ހަދާފައެެވެ. އަދި ޕާކް ކުރާނެ އިތުރު ސަރަހައްދުތައްވެސް ދަނީ ތަރައްޤީކުރަމުންނެވެ.
މިނީ ބަހުގެ ހިދުމަތުގެ ފުރަތަމަ ދުވަހުގެ ތަޖުރިބާއަށްފަހު ފުލުހުން ވިދާޅުވީ ބަހުގެ ޚިދުމަތް ފެށުމުގެ ކުރިންވެސް ފުލުހުންނަށް ފާހަގަވެފައި އޮތްގޮތަށް މިވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް އެންމެ ބޮޑަށް ފާހަގަވީ ޕާކުކުރުން މަނާ މަގުތަކުގައި ޕާކުކުރަމުންދާ މައްސަލަކަމަށެވެ. މީގެއިތުރުން އެއްވެސް ރައްކާތެރިކަމެއްނެތި ބައެއް އުޅަނދުތައް ބަހުގެ ކުރިމަތިން އޯވަރ ޓޭކް ކުރަމުންދާ މައްސަލަވެސް ފާހަގަވެފައިވާކަމަށް ފުލުުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ޕާކްކުރުން މަނާކޮށްފައިވާ މަގުތަކުގައި ޕާކް ކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ބަހަށް އުނދަގޫވާގޮތަށް ޕާކުކުރުން މަނާ ސަރަޙައްދުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖަހާ އުޅަނދުތައް ޓޯކުރަންޖެހޭ ހާލަތުގައި ޓޯވެސް ކުރާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
ބަހުގެ ޚިދުމަތާއެކު އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ޓްރެފިކްގެ ގަވާއިދުތަކަށް އިޙްތިރާމް އެންމެންކޮށްގެންކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން ގަވާއިދާ ޚިލާފު ތަންތަނުގައި ޕާކުކުރުމާއި ޓްރެފިކްގެ ގަވާއިދާ ޚިލާފަށް ވެހިކަލްތައް ނުދުއްވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
މިނީ ބަހުގެ ޚިދުމަތް ފެށުމަށް ހ.ސަމޯސާވިލާއިންނާއި ހައިކޯޓު ކުރިމަތީ އޮންނަ ބިމާއި އަމީނީ މަގު ދަރުބާރުގެ ކައިންނާއި މާފަންނު ކޮރަލްބޮލިވަރޑް ސަރަޙައްދާއި މަޖީދީމަގުން ހީނާމާގެއާއި ބިއްލޫރިޖެހިގެއިން ވަނީ ޕާކިންގއަށް ބިން ދޫކޮށްފައެވެ. ހަމައެއާއެކު ޕޯޓް ކޮމްޕްލެކްސްއާއި މާފަންނު ސަހަރާ ކައިރިން ޕާކިންގއަށް ބިންހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިޕާކިންގ ޒޯންތަކަކީ ހަތަދު ފުރޮޅުލީ އުޅަނދުތަކާއި ސައިކަލަށްވެސް ޕާކުކުރެވޭގޮތަށް ޤާއިމުކުރާ ޕާކިންގތަކެކެވެ.