ރަޝިޔާގެ އަސްކަރީ ބާރާއި ކުރިމަތިލުމަށްޓަކައި ނޭޓޯއިން ވިލާތުގެ އިރުމަތީ ސަރަޙައްދުތަކުގައި އަސްކަރީ ބާރު ވަރުގަދަކުރަން ފަށައިފިއެވެ.ނޭޓޯގެ ޑިޕްލޮމެޓަކު ވިދާޅުވީ މިއީ ފިނި ހަނގުރާމަ ނިމުމަށްފަހު ރަޝިޔާއާ ކުރިމަތިލުމަށްޓަކައި ނޭޓޯއިން ހިންގާ އެންމެ ބޮޑު އަސްކަރީ މަޝްރޫއުކަމަށެވެ. ފިނި ހަނގުރާމަ ނިމުމަށްފަހު ރަޝިޔާގެ ނުރައްކާ ނޭޓޯގެ ޤައުމުތަކަށް އިޙްސާސްކުރެވުނީ ޔުކްރޭންގެ ބައެއްގެ ގޮތުގައި އޮތް ކްރައިމިޔާ، ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖައްސައި ކުރިޔާ ޚިލާފަށް ހަތިޔާރުގެ ޓެކްނޮލޮޖީ ރަޝިޔާއިން ތަރައްޤީ ކުރަން ފެށުމުންނެވެ.ނޭޓޯއިން އަސްކަރީ ބާރު ވަރުގަދަކުރަން ފަށާފައި މިވަނީ ރަޝިޔާއާއި އަވަށްޓެރި ވިލާތުގެ އިރުމަތީގެ ޤައުމުތަކުގައެވެ. މީގެތެރޭގައި ރުމޭނިޔާއާއި ޕޯލަންޑާއި ބޯލްޓިކްގެ ޤައުމުތައް ހިމެނެއެވެ. މިކަމަށްޓަކައި ނޭޓޯއިން ރާވާފައިވާ ޕްލޭންގައި އެޤައުމުތަކުގައި އެމެރިކާގެ ބަރުހަތިޔާރު ގުދަންކުރުމާއި މިސައިލް އައްޑަނައިގެ ނިޒާމެއް ޤާއިމް ކުރުމާއި އަސްކަރީ ފަރިތަކުރުންތައް ބޭއްވުން ހިމެނެއެވެ.