ޚަބަރު

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނައްތާލުމުގެ މަސައްކަތް ބ.އަތޮޅުގައި ފަށަނީ!


އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް މަދުކޮށް މުޅިން ނައްތާލުމުގެ މަސައްކަތް ބ.އަތޮޅުގައި އަންނަ އަހަރު ފަށާނެކަމަށް އެއަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ.

2030ވަނަ އަހަރާހަމައަށް އެކުލަވާލާފައިވާ އަތޮޅު ކައުންސިލްގެ ވިޝަނީ ޕްލޭނާ ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވީ 2030ވަނަ އަހަރު އަންނަން ވާއިރަށް މިކަން ހާސިލް ކުރުމަށް ކުރަންޖެހޭ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރާވަރު މަދުކޮށް ނައްތާލުމަކީ ބޮޑު ގޮންޖެހުމެއްކަމަށާ، އެހެންނަމަވެސް އެކަން ނުކޮށް ބ.އަތޮޅުގެ ފަތުރވެރިކަން އިތުރަށް ތަރައްޤީވެ ކުރިއަރައި ނުދާނެކަމަށް އަފްރާޙް ވިދާޅުވިއެވެ. މިކަމުގައި އެންމެބޮޑު އިސްކަމެއް ދޭނީ އާންމުން ހޭލުންތެރިކުރުމަށްކަމަށް އަފްރާޙް ވިދާޅުވިއެވެ. އަދި މިކަން ކުރާނީ ސަރުކާރުން ހަދާފައިވާ ޤާނޫނުތަކަށް ބަލައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ގިނައިން ޕްލާސްޓިކްގެ ގޮތުގައި ބޭނުން ކުރަނީ ޕްލާސްޓިކް ފެން ފުޅިއާ ކޮތަޅު ފަދަ ބާވަތްތައް ކަންފާހަގަ ކުރައްވަމުން އަފްރާޙް ވިދާޅުވީ، އަންނަ އަހަރު މަސައްކަތް ފަށާނީ ބ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއަކަށް ފޮތި ކޮތަޅު ހަދިޔާ ކުރުމުގެ ޕްރޮގްރާމަކުންކަމަށެވެ.

އެ އަތޮޅުގައި މިހާރުވެސް 17 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން ތިމާވެއްޓަށް މީހުން އަހުލުވެރި ކުރުވުމަށް ހިންގާ ހަރަކާތްތަކުގައި އެފަރާތްތަކުގެ ބައިވެރިވުން ބޮޑެވެ. އެހެން ކަމުން މިކަމަށްވެސް ފުރިހަމަ އެއްބާރުލުން ރިސޯޓްތަކުން ފޯރުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން 10 ރަށެއްގައި އަންނަނީ ގެސްޓް ހައުސްގެ ވިޔަފާރިވެސް ފުޅާކުރަމުންނެވެ. ބ.އަތޮޅަކީ ޔުނެސްކޯ ބަޔޮސްފިއަ ރިޒާވް އަތޮޅެއްކަމުން އާންމުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބޭނެކަމަށް އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވިއެވެ. ކަނޑުގެ ދިރުން ވިއްކައިގެން ދިރި އުޅޭ ބަޔަކަށް ބ.އަތޮޅު ރައްޔިތުންވާއިރު އެންމެ ފުރަތަމަ ކުރަން ޖެހޭއެއްކަމަކީ މޫދަށް ކުނިއެޅުން ހުއްޓާލުންކަމަށް އަޙްމަދު އަފްރާޙް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 27ވަނަ ދުވަހު އެކައުންސިލުން ވަނީ ރާއްޖޭގެ ޓުއަރިޒަމްއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އަތޮޅުގެ 13 ރަށުގެ ސްކޫލް ދަރިވަރުންނަށް މުރަކަ އިންދަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށާފައެވެ. އެއީ ކަނޑުގެ ދިރުމުގެ މުހިންމުކަމާ ފަރުތަކަށް ލިބޭ ގެއްލުން ސްކޫލް ދަރިވަރުންނަށް އަންގައިދިނުމުގެ ބޭނުމުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.