ޚަބަރު

އަދާލަތު ޕާޓީގެ ކުރިއަށްއޮތް 10 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ފާސްކޮށްފި


އަދާލަތު ޕާޓީން ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް، އެޕާޓީގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައިފިއެވެ.

ސަރުކާރު ކޯލިޝަންގައިވެސް ހިމެނޭ އަދާލަތު ޕާޓީން މި ސްޓްރެޓީޖިކް ޕްލޭން ފާސްކުރީ ރޭ ބޭއްވި އެޕާޓީގެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ސްޓްރެޓީޖިކް ޕްލޭން ފާސްކޮށްފައިވަނީ މައިގަނޑު 8 ދާއިރާއަކުން އެޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.

އަދާލަތު ޕާޓީގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ދާއިރާތައް:

* އެތެރޭގެ ހިންގުން
* ގޮފި އަދި ދާއިރާތައް
* ޕަބްލިކް ރިލޭޝަންސް
* ޕާޓީގެ ސިޔާސަތު
* އިންތިޚާބުތައް
* ޕާޓީގެ މާލިއްޔަތު
* ދާޚިލީ އަދި ޚާރިޖީ ގުޅުންތައް
* ޕާޓީގެ މެންބަޝިޕް

ސްޓްރެޓީޖިކް ޕްލޭން ރޭ ތަސްދީޤުކޮށް އަމަލުކުރަން ފަށާފައިވާއިރު، އެޕާޓީން ވަނީ އެ ޕްލޭންގެ ޑްރާފްޓް މިއަހަރުގެ ފެބުރުއަރީގައި އެކުލަވާލާފައެވެ. އަދި ޕްލޭން ފައިނަލް ކޮށްފައިވަނީ މިދިޔަ މަހުގެ 11 އިން 13 އަށް ކިނޮޅަހުގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެއްގައެވެ.

އަދާލަތުން ވަނީ އެޕާޓީގެ މެންބަރުންގެ ޢަދަދު އިތުރުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއެކު އަތޮޅުތަކަށް ދަތުރުތަކެއް ކުރުމަށްވެސް ނިންމާފައިވެއެވެ.