ޚަބަރު

ކެލިފޯނިޔާގައި ފިނިހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް


އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ކެލިފޯނިޔާގައި ފިނިހޫނުމިން މި ހަފުތާގެ ތެރޭގައި ރެކޯޑު މިންވަރަކަށް މައްޗަށް އަރާނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރު ކޮށްފިއެވެ. ފިނިހޫނުމިން އެންމެ ބޮޑަށް މައްޗަށް ދާނެ ކަމަށް ބެލެވެނީ ކެލިފޯނިޔާގެ ވެރިރަށް ސެކްރެމެންޓޯއިން ފެށިގެން ލޮސް އެންޖެލީސް ހިމެނޭ ސެންޓްރަލް ވެލީ ސަރަޙައްދަށެވެ.

މި ހަފުތާގެ މެދުތެރޭގައި ސެންޓްރަލް ވެލީ ސަރަޙައްދުގެ ފިނިހޫނުމިން 46 ޑިގްރީ ސެލްސިއެސްއަށް މަތިވާނެ ކަމަށް އެމެރިކާގެ ޤައުމީ މޫސުމާ ބެހޭ އިދާރާ ނޭޝަނަލް ވެދަރ ސަރވިސްއިން އިންޒާރު ކުރެއެވެ. އަދި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހަށް ފިނިހޫނުމިން މަތިވާނެ ކަމުގައި ވެސް އެ އިދާރާއިން ލަފާ ކުރެއެވެ. ކެލިފޯނިޔާގެ ދެކުނުގައިވާ ރަށެއް ކަމުގައިވާ ސެން ޑިއޭގޯގައި ސެޕްޓެންބަރު 3 ވަނަ ދުވަހު ފިނިހޫނުމިން ވަނީ 35 ޑިގްރީ ސެލްސިއެސްއަށް އުފުލިފައެވެ. މިއީ ރެކޯޑު އަދަދެކެވެ. ނަމަވެސް، ސެޕްޓެންބަރު 5 ގައި އެ ރަށަށް ގުގުރުމާ އެކު ތޫފާނެއް އަރާނެ ކަމަށް ލަފާ ކުރެވޭތީ، ފިނިހޫނުމިން ކޮންމެ ވެސް ވަރަކަށް ތިރިވާނެ ކަމަށް ބެލެވެއެވެ.

ކެލިފޯނިޔާގައި ފިނިހޫނުމިން އުފުލެމުންދާ މި ދަނޑިވަޅުގައި ކަރަންޓު ބޭނުން ކުރާ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. މި ކަމާ ގުޅިގެން، ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކުން ވަނީ ކަރަންޓު ބޭނުން ކުރާ މިންވަރު ދަށް ކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި، ގޭބީސީތަކުގައި ފިނިހޫނުމިން ކޮންޓްރޯލް ކުރަން ބޭނުން ކުރާ ތަރމޯސްޓެޓް ފަދަ ތަކެތި 25 ޑިގްރީ ސެލްސިއެސްއަށް ވުރެ ދަށް ނުކުރުމަށް ވެސް އިލްތިމާސް ކޮށްފައެވެ. އަދި، ގިނައިން ކަރަންޓު ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ބޭނުން ކުރުން މަދު ކުރުމާއި، ދިއްލުންތައް މަދު ކުރުމަށް ވެސް އެ ފަރާތުން ވަނީ ގޮވައިލާފައެވެ.

ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކެލިފޯނިޔާގައި ފިނިހޫނުމިން ވަނީ މަތިވެފައެވެ. އަދި ގިނަ ސަރަޙައްދުތަކަށް ވަނީ ހަނަފަސްކަމާ ކުރިމަތިލާން ޖެހިފައެވެ. ހޫނު ގަދަވުމުގެ ސަބަބުން ކެލިފޯނިޔާގެ ބައެއް ސަރަޙައްދުތަކުގެ ޖަންގަލިތަކުގައި ވަނީ ރޯވެފައެވެ. އަދިވެސް އަލިފާންގަނޑުތައް މުޅިން ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

ކެލިފޯނިޔާގެ އުތުރުގައިވާ ސިސްކިޔޫ ކައުންޓީގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު މީހުން ދިރިއުޅޭ ސަރަޙައްދަށް ފެތުރުމާ ގުޅިގެން އެތަކެއް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިފައެވެ. ސިސްކިޔޫ ކައުންޓީގެ 4,000 އޭކަރުގެ ސަރަޙައްދެއް މިހާރު އަނދާފައި ވާއިރު، އަލިފާނުގެ ސަބަބުން ދެ މީހަކު މަރުވެފައިވާ ކަމަށް އެ ކައުންޓީގެ ފުލުހުން ބުނެއެވެ. އެ ކައުންޓީގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ 25 އިންސައްތަ ވެސް އަދި ނިއްވައި ނުލެވޭ ކަމުގައި އެ އިދާރާއިން ބުނެއެވެ.