ކުޅިވަރު

ބެޑްމިންޓަން ޓީމް އިވެންޓް ސެމީގެ ފުރުސަތު ރާއްޖެއިންބޮޑުކޮށްފި


     ސައުތު އޭޝިއަން ގޭމްސްގައި އަފްޤާނިސްތާން ބަލިކޮށް ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމް ސެމީފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ. މިއަދު އަފްޤާނިސްތާންގެ މައްޗަށް ބެޑްމިންޓަން ޓީމް ކުރިހޯދީ ސީދާ ތިން މެޗް ކާމިޔާބުކޮށްގެންނެވެ.      ފުރަތަމަ މެޗް އަފްޤާނާ ވާދަކޮށް ރާއްޖޭގެ އެއްވަނަ އަޖުފާން ރަޝީދު ހޯދީ ސީދާ ދެސެޓުންނެވެ. މެޗްގެ ސެޓްތައް އަޖްފާން ހޯދީ 21-4 އަދި 21-11 އިންނެވެ. ދެވަނަ މެޗް ޒަޔާން ޒަކީ ކާމިޔާބުކުރީވެސް ސީދާ ދެސެޓުންނެވެ. މެޗްގެ ސެޓްތައް ޒަޔާން ހޯދީ 21-11 އަދި 21-10 އިންނެވެ. ތިންވަނަ މެޗް އަޖުފާންއާ ޒަޔާންގެ ޑަބަލްސް ޕެއާ ކާމިޔާބުކުރީ 21-18 އަދި 21-11 އިންނެވެ.       ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމް މިއަދު ހެނދުނު އިންޑިއާ އަތުން ބަލިވީ ސީދާ ތިން މެޗުންނެވެ. ރާއްޖެ ހިމެނޭ ގްރޫޕުންގައި ދެން ހިމެނެނެނީ ބަންގްލަދޭޝްއެވެ. ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދައިފި ނަމަ ރާއްޖެއަށް ސެމީފައިނަލްގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަދު ރާއްޖޭގެ އަންހެން ޓީމް ބަންގްލަދޭޝްއާ ވާދަކޮށް ބަލިވީ ސީދާ ތިން މެޗުންނެވެ.