ޚަބަރު

އަނޫރާގްގެ ކުރިއަށްއޮތް ފިލްމަށް ކާތިކް


ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ތަރި ކާތިކް އާރިއަން ޑައިރެކްޓް ކުރަން ޑައިރެކްޓަރު އަނޫރާގް ބާސޫ ތައްޔާރުވެއްޖެއެވެ. އަނޫރާގްގެ އިތުރުން ކާތިކަށް އަންނަނީ އެކި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންވެސް ފިލްމުތައް ހުށަހަޅަމުންނެވެ.

އަނޫރާގްގެ މި ފިލްމުން ފެންނާނީ މީގެކުރިން ހިންދީ ސިނަމާއިން ނުފެންނަ ވައްތަރެއްގެ ލޯބީގެ ޖޯންރާއެކެވެ. އަދި މި ފިލްމުން ކާތިކްގެ އެކްޓިންގ ހުނަރު އިތުރަށް ކުރިއެރުވުމަށް ފުރުސަތު ލިބޭނެ ކަމަށްވެސް މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ކާރްތިކް ވަނީ ދާދި ފަހުން ސާޖިދު ނާދިއަދުވާލާ އާއި ކަބީރު ޚާން ފަދަ ޑައިރެކްޓަރުންނާއިއެކުވެސް ފިލްމުތަކެއްގައި ސޮއިކޮށްފައެވެ. މިދިޔަ މެއި މަހު ފަހުކޮޅު ރިލީޒްކުރި ކާތިކްގެ "ބޫލް ބުލައްޔާ 2" ގެ ބޮޑު ކާމިޔާބީއަށްފަހު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ "ޝެހެޒާދާ" އިންނެވެ.

"ބޫލް ބުލައްޔާ 2" ގެ ކާމިޔާބީއަށްފަހު އޭގެ 3 ވަނަ ބަޔަށްވެސް ކާތިކް ނަގާ ވާހަކަ މީގެކުރިން ވަނީ އިވިފައެވެ.

އުމުރުން 31 އަހަރުގެ ކާތިކް ބޮލީވުޑަށް ތަޢާރަފުވީ 2011 ވަނަ އަހަރު ނެރުނު ރޮމޭންޓިކް ކޮމެޑީ ފިލްމް "ޕްޔާރު ކާ ޕަންޗްނާމާ" އިންނެވެ. އެހެންނަމަވެސް އޭނާ ބޮޑަށް މަޝްޙޫރު ވާން ފެށީ 2015 ވަނަ އަހަރު ނެރުނު "ޕްޔާރު ކާ ޕަންޗްނާމާ 2" އަދި 2018 ވަނަ އަހަރު ރިލީޒްކުރި "ސޯނޫ ކޭ ޓިއްޓޫ ކީ ސްވީޓީ" އަށްފަހުއެވެ.