ޚަބަރު

ޖޭން ފޮންޑާ ކެންސަރު ބައްޔާ ހަނގުރާމަ ކުރަނީ


ދެ އޮސްކާ އެވޯޑް ޙާސިލުކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖޭން ފޮންޑާ ކެންސަރު ބައްޔަށް ފަރުވާ ހޯދަން ފަށައިފިއެވެ.

އުމުރުން މިހާރު 84 އަހަރުގެ ބަތަލާގެ އިންސްޓަގްރާމްގައި ބުނީ އޭނާ މިހާރު އަންނަނީ ކެންސަރަށް ފަރުވާ ހޯދަމުން ކަމަށެވެ. އެހާ އާންމު ނޫން ކެންސަރެއް ކަމަށްވާ ހޮޖްކިންސް ލީމްފޯމާ ޖެހިފައިވާ ފޮންޑާ ބުނިގޮތުގައި މި ބައްޔަށް ފަރުވާ ހޯދާ އިރު އޮތް ހިތްހަމަޖެހުމަކީ މިއީ ފަސޭހަކުރެވިދާނެ ބައްޔަކަށްވުމެވެ.

އެންމެ މޮޅު ބަތަލާގެ އޮސްކާ އެވޯޑް ފޮންޑާއަށް ލިބުނީ 1971 ވަނަ އަހަރު ދެއްކި "ކްލޫޓް" އާއި 1978 ވަނަ އަހަރު ދެއްކި "ކަމިން ހޯމް" އިންނެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ 2018 ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ބުކް ކްލަބް" އިންނެވެ.

ފޮންޑާ ދެން އެންމެ އަވަހަށް ފެންނާނީ މި މަހު ފަށާ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް، ޓީއައިއެފްއެފް ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ކޮމެޑީ "މޫވިން އޮން" އިންނެވެ.

ފިލްމީ މަސައްކަތުގެ އިތުރަށް ފޮންޑާ އަކީ އާންމުންގެ ތެރޭގައި މިހާރު ކްލައިމެޓް ޗޭންޖް އެކްޓިވިސްޓެއްގެ ގޮތުގައި ވެސް މަޝްހޫރު މީހެކެވެ. މިހާތަނަށް ތިން ކައިވެނިކުރި، ފޮންޑާ އަކީ ތިން ކުދިންގެ މަންމައެކެވެ.