ވިޔަފާރި

މަސްވެރިކަމުގެ ލައިސަންސް ފީ ކުޑަކޮށް، އުޅަނދުތަކަށް ލުޔެއް


މަސްވެރިކަމުގެ ލައިސަންސަށް ނަގާ ފީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކުޑަކޮށްފިއެވެ.

މި ފީ ކުޑަކޮށްފައިވަނީ ކަނޑުމަހުގެ މަސްވެރިކަން ހިންގައި، ބެލެހެއްޓުމާއި ގުޅޭ އައު ޤަވައިދުގައެވެ.

ކަނޑުމަހުގެ މަސްވެރިކަން ހިންގައި، ބެލެހެއްޓުމާއި ގުޅޭ ގަވާއިދުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހާސިލްކުރަން ބޭނުންވާ މަޤްސަދުތަކުގެ ތެރޭގައި، ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް، ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި، ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި، ހިންގައި، ބެލެހެއްޓުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. އަދި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނުގައިވާ ކަންކަން ތަންފީޛުކުރުމާއި، ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާއި ގުޅޭ ކަންކަން ކަނޑައެޅުމުގެ އިތުރުން ކަނޑުމަހުގެ މަސްވެރިކަން މޮނިޓަރކޮށް، ކޮންޓްރޯލްކުރުން ހިމެނެއެވެ.

މި ޤަވާއިދުގައި ބުނާގޮތުން މަސްވެރިކަމުގެ ލައިސަންސް ދޫކުރަނީ، މަސްވެރިކަން ކުރާ ބާވަތަށާއި އުޅަނދުގެ ބޮޑު މިނަށް ބަލާފައެވެ. އަދި ކަނޑުމަސް ޕްރޮސެސްކުރާ ފަރާތްތަކުން ލައިސެންސް ނަގަންޖެހެނީ އެތަނަކުން ދުވާލަކު ޕްރޮސެސް ކުރެވޭ މިންވަރެއްގެ މަތީންނެވެ.

މަސްވެރިކަންކުރާ އުޅަނދުފަހަރުން ފީ ނަގަނީ އެ އުޅަނދެއްގެ ކުޑަ ބޮޑުމިނަށް ބެލުމަށްފަހުއެވެ. އަލަށް ގެޒެޓްކޮށްފައިވާ ޤާނޫނުގައިވާގޮތުން މަސްވެރިކަމުގެ ލައިސަންސަށް ނަގާ ފީ ކުޑަކޮށް މިކަމުން މަސް ދޯނިފަހަރަށް ވަނީ ލުއިކޮށްދީފައެވެ.

ޤަވާއިދުގައި މިހާރުވާގޮތުންނަމަ ވަކިވަކިން ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރާ އުޅަނދު 1 އަހަރުދުވަހުގެ މުއްދަތަކަށް 49 ފޫޓަށްވުރެ ކުޑަނަމަ ނަގާނީ 500 ރުފިޔާއެވެ. އަދި 49 ފޫޓަށްވުރެ ބޮޑުނަމަ ނަގާނީ 1500 ރުފިޔާއެވެ. އަދި މި 2 ބާވަތުގެ މަސްވެރިކަން ކުރާ އުޅަނދުގެ އަގުން 1 އަހަރުދުވަހުގެ މުއްދަތަކަށް 49 ފޫޓުން ކުޑަ އުޅަނދެއްނަމަ ނަގާނީ ހަމަ އެއް އަގެކެވެ. ނަމަވެސް 49 ފޫޓަށްވުރެ ބޮޑުނަމަ ނަގާނީ 1800 ރުފިޔާއެވެ.

އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް ވަދުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރަށް 2 އަހަރުގެ މުއްދަތަކަށް 49 ފޫޓަށްވުރެ ކުޑަނަމަ ނަގާނީ 250 ރުފިޔާއެވެ. އަދި 49 ފޫޓަށްވުރެ ބޮޑުނަމަ ނަގާނީ 500 ރުފިޔާއެވެ.

ކުރިން އޮތް ގޮތުންނަމަ 45 ފޫޓުން ދަށްނަމަ އުޅަނދުން ނަގާނީ 600 ރުފިޔާއެވެ. 45 ފޫޓުން ފެށިގެން 65 ފޫޓާއި ހަމައަށްދާ އުޅަނދުން ނަގާނީ 1200 ރުފިޔާއެވެ. 65 ފޫޓުން 85 ފޫޓާއި ހަމައަށްދާ އުޅަނދުން 1800 ރުފިޔާ ނަގާއިރު 85 ފޫޓުން މަތީގެ އުޅަނދުން ކުރިން ނަގާނީ 3600 ރުފިޔާއެވެ.

މިގެނައި ބަދަލުތަކާއި ގުޅިގެން ހުރިހާ ބާވަތެއްގެ މަސްވެރިކަމުން ނަގާ ފީއަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އަދި ބައެއް ދާއިރާތަކުގެ މަސްވެރިކަމުން ކުރިން ދައްކަމުން އައި ފީއަށްވުރެ މިހާރު ދައްކަމުން އައި ފީވަނީ %58 ކުޑަވެފައެވެ. އޭގެތެރެއިން އެއް ބާވަތަކީ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ 85 ފޫޓުގެ އުޅަނދުތަކެވެ. ކުރިން 3600 ރުފިޔާ ދައްކަން ޖެހޭއިރު މިހާރު މި ބާވަތުގެ އުޅަނދުތަކުން ދައްކަން ޖެހެނީ 1500 ރުފިޔާއެވެ.

މަސްވެރިކަން ކުރުމުގެ ލައިސަންސް ފީތަކަށް ގެނައި ބަދަލަކީ، މިނިސްޓްރީގެ ފަރާތުން މަސްވެރިކަމާއި ގުޅުންހުރި ސިޔާސަތުތައް އެކަށައެޅުމަށް މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވުނު ބައްދަލުވުންތަކާއި ފޯރަމްތަކުގައި މަސްވެރިންގެ ފަރާތުން ފާޅުކޮށްފައިވާ ހިޔާލާއި މަޝްވަރާ އާއި އެއްގޮތައް މިނިސްޓްރީގެ ފަރާތުން ގެނެސްފައިވާ ބަދަލުތަކެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.