ޚަބަރު

ޕްލެޓްފޯމް ފަރަށް އެރި ސަރަޙައްދު މިއަދުއެއްކޮށް ސާފުކޮށް ނިމޭނެ - ހައުސިންގ މިނިސްޓްރީ


މިދިޔަ މަހުގެ ތެރޭގައި ވިލިމާލޭ ފަރަށް އެރި ބްރިޖްޕްލެޓްފޯމްގެ ބައިތައް އެސަރަޙައްދުން ނެގުމުގެ މަސައްކަތް މިއަދު ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީއިންވަނީ މިމަސައްކަތް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުވެސް މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައެވެ. އެހެންނަމަވެސް ވޭތުވެދިޔަ ހަފްތާގައި ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން މިމަސައްކަތްވަނީ އެންމެ އެދެވޭގޮތުގައި ކުރިއަށް ނުގެންދެވިފައެވެ.

ބްރިޖްޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން ލިބުނު ގެއްލުން ދެނެގަތުމަށް ކުރަންޖެހޭ ސަރވޭތައް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއަށް ކުރެވޭނީ ފަރުމަށްޗަށް އެޅިފައިވާ ޕްލެޓްފޯމްގެ ބައިތައް ނެގިގެންކަމަށް އީޕީއޭއިން ވިދާޅުވެއެވެ. މިއާއެކު މިމަސައްކަތް ނިމޭނެ ތާރީޚެއްވަނީ މަސައްކަތުގެ ކޮންޓްރެކްޓަރުގެ އިތުރުން އީޕީއޭއަށްވެސް މުހިއްމުވެފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ މިދިޔަ ހަފްތާގެ މޫސުން ގޯސްވުމުގެ ސަބަބުން ޑައިވް ނުކުރެވި ވަރަށް ގިނަ ވަގުތު މަސައްކަތް މެދުކަނޑާލަންޖެހުނުކަމަށެވެ. އެހެންނަމަވެސް މަސައްކަތުގެ ބޮޑުބައި ނިމިފައިވާކަމަށާއި ބާކީ ހުރި ކުދި އެތިކޮޅުތައް ނެގުމުގެ މަސައްކަތް މިއަދު ނިންމާލާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. ޕްލޭނިންގ މިނިސްޓްރީއިން މިހެން ވިދާޅުވެފައިވާއިރު މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިއަދު ހެނދުނު 8:15އިން މެންދުރު 14:00އާ ހަމައަށް ވައިޓް އެލަރޓް ނެރެފައެވެ.

މިދިޔަ މަހުގެ 16ވަނަ ދުވަހު ފަރަށް އެރި ބްރިޖްޕްލެޓްފޯމް މޫސުން ގޯސްވުމުގެ ސަބަބުން ފުންކުރެވުނީ މިދިޔަ މަހުގެ 27 ގައެވެ. ފަރަށް ލިބުނު ގެއްލުން ބެލުމަށް އީޕީއޭއިން ތައްޔާރުވެފައިވާއިރު މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ. ވިލިމާލޭ ފަރު ހިމެނޭ ސަރަޙައްދަކީ ޢާއްމުގޮތެއްގައިވެސް އޮއިބާރު ސަރަޙައްދެކެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖަކީ މާލެ، ވިލިމާލެއާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ހަދާ ބްރިޖެކެވެ. މިބްރިޖާއެކު 6.7 ކިލޯ މިޓަރުގެ ލިންކަކާއި ދެރަށް ދޭތެރޭ 140 ކިލޯ މީޓަރުގެ މައި ބްރިޖެއް ކަނޑުގައި އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓަކާއި މޫދު ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓެއްގެ އިތުރުން ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.