ޚަބަރު

އީރާނުން ދިފާޢީ ފިޔަވަޅުތައް ވަރުގަދަ ކުރަނީ


އީރާނުގެ 51 ސިޓީއެއްގައި ދިފާޢީ ފިޔަވަޅުތައް ވަރަގަދަ ކޮށްފައިވާ ކަން އެ ޤައުމުން ހާމަކޮށްފިއެވެ. މި ގޮތުން، ބޭރު ޤައުމަކުން ހަމަލާއެއް ދޭން އުޅޭކަން ދެނެގަންނާނެ ނިޒާމުތައް އެ ސިޓީތަކުގައި ޤާއިމު ކޮށްފައިވާ ކަމުގައި އީރާނުން ބުނެއެވެ. އަދި، އެ ޤައުމުގެ ވައިގެ ސިފައިން ވެސް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

އެމެރިކާ އަދި ޔަހޫދީ އިސްރާޢީލާއި އީރާނާ ދެމެދު އުފެދިފައިވާ ޒަމާންވީ ނުވަނަވަސްކަން ފަހަކަށް އައިސް ވަނީ އިތުރަށް ގޯސްވެފައެވެ. ދިފާޢީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ ކޮން ޤައުމުތަކެއްގެ އަމަލުތަކާ ގުޅިގެން ކަން އީރާނުން ހާމަކޮށްފައި ނެތަސް، ބެލެވޭ ގޮތުގައި މިއީ ޔަހޫދީ އިސްރާޢީލުން ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރު ލިބުމާ ގުޅިގެން ނިންމާފައިވާ ނިންމުމެއް ކަމުގައި ބެލެވެއެވެ.

"51 ސިޓީގައި ޤާއިމު ކޮށްފައިވާ ދިފާޢީ ސިސްޓަމްތައް މެދުވެރިކޮށް، ދޭން އުޅެނީ ކޮން ކަހަލަ ހަމަލާއެއް ކަން ދެނެގަނެވޭނެ. އެކި ޤައުމުތަކުން ހަމަލާދިނުމަށް ބޭނުން ކުރަނީ އެކި ހަތިޔާރު،" މި ކަމާ ގުޅޭ ގޮތުން އީރާނުގެ ދިފާޢީ ވަޒީރުގެ ނައިބު ބްރިގޭޑިއަރ ޖެނެރަލް މެހެދީ ފަރާހީ ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް ސައިބަރ، ބަޔޮލޮޖިކަލް ނުވަތަ ރޭޑިޔޯއެކްޓިވް ހަތިޔާރު ބޭނުން ކޮށްގެން ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އީރާނުން ވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދު ހިމާޔަތް ކުރުމަށް ވެސް ފިޔަވަޅުތައް އަޅާފައެވެ. "އީރާނުގެ ވައިގެ ސަރަޙައްދަކީ މިހާރު ފަސިންޖަރުން އުފުލާ މަތިންދާބޯޓުތަކަށް އެންމެ ރައްކާތެރި އެއް ތަން. ނަމަވެސް، ބޭރު ޤައުމެއްގެ އަސްކަރީ މަތިންދާބޯޓެއް މި ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެއްޖެ ނަމަ އެ ބަޔަކަށް ވަރަށް ބޮޑަށް ނުރައްކާ ވާނެ،" އީރާނުގެ ވައިގެ ސަފައިންގެ އިސް ކޮމާންޑަރު ޤާދިރު ރަޙީމްޒާދޭ ވިދާޅުވިއެވެ.

އިރާނާ ދެކޮޅަށް ސައިބަރ ހަތިޔާރު ބޭނުންކޮށްގެން އިސްރާޢީލާއި އެމެރިކާއިން ދާދި ފަހުން ހަމަލާދީފައިވާ ކަމުގައި އީރާނުން ތުހުމަތު ކުރެއެވެ. އަދި، މި ހަމަލާތަކުގައި އެ ޤައުމުގެ ޢުމްރާނީ ގިނަ ވަސީލަތްތަކަކަށް ގެއްލުން ލިބުނު ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ. ޔަހޫދީ އިސްރާޢީލުން އީރާނުގެ ނިއުކްލިޔަރ މަރުކަޒަކަށް ވެސް ހަމަލާ ދީފައިވާ ކަމަށް އެ ޤައުމުން ތުހުމަތު ކޮށްފައިވެއެވެ.

މިހާރު ރޫޅިފައި އޮތް އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ބެހޭ އެއްބަސްވުމަށް އަލުން ރުޖޫޢަވުމާ ގުޅޭ ގޮތުން އީރާނާއި އެމެރިކާއާ ދެމެދު ދަނީ މަޝްވަރާ ކުރަމުންނެވެ. ވިލާތުން މެދުވެރިއެއްގެ ދައުރު އަދާ ކުރާ ނުރަސްމީ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. 2015 ވަނަ އަހަރު އެކުލަވައިލި އެއްބަސްވުން 2018 ވަނަ އަހަރު އުވައިލީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައެވެ.