ޚަބަރު

ރަންބީރާއި އާލިއާގެ "ބްރަމަސްތްރާ" އެއްފަހަރާ 8000 ސްކްރީނުގައި އަޅުވާނެ


އަންނަ ހުކުރު ދުވަހު ސިނަމާތަކުގައި އަޅުވަން ތައްޔާރުކޮށްފައިވާ "ބްރަމަސްތްރާ" އެއްފަހަރާ 8،000 ސްކްރީންގައި އަޅުވަން ނިންމައިފިއެވެ.

ދެމަފިރިން ކަމަށްވާ، ރަންބީރު ކަޕޫރާއި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ އެޑްވާންސް ބުކިންވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ހިންދީ ފިލްމެއް މިހާތަނަށް ރިލީޒްކުރާ އެންމެ ފުޅާކޮށް "ބްރަމަސްތްރާ" ރިލީޒްކުރާނެ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ. އަދި ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން ފިލްމުގެ ޕޯސްޓަރުތައް ވަނީ އެކި ސިނަމާތަކުގައި ތަތްކޮށްފައެވެ.

ރިލީޒްކުރުމުގެ މަގުމަތީގައިއޮތް މި ފިލްމުގެ ޕްރޮމޯޝަންގެ ކަންތައްތަކުގައި ރަންބީރާއި އާލިއާ އަވަދިނެތި ދަނީ މަސައްކަތް ކުރަމުންނެވެ.

ފެންޓަސީ އެޑްވެންޗަރއެއްގެ ގޮތުގައި ހަދާފައިވާ "ބްރަމަސްތްރާ" އަކީ އަޔާން މުކަރްޖީ ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. އެއްޗެކެވެ. މިއީ 3 ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ ޓްރިލޮޖީގެ ފުރަތަމަ ބައެވެ.

"ބްރަމަސްތްރާ" ގެ ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން، މޯނީ ރޯއި، ނާގުރްޖުނާ އަކިނޭނީ އަދި ޑިމްޕަލް ކަޕާޑިއާ ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ ވަރަށް ޚާއްސަ ފެނިލުމަކުން ޝާހްރުކް ޚާންވެސް ފެންނާނެއެވެ.

ރަންބީރް ކަޕޫރާއި އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ މި ފިލްމަކީ ގިނަ އަދަދެއްގެ ވިޝުއަލް އިފެކްސްޓްވެސް ހިމެނޭނެ ފިލްމެކެވެ. އަދި މިއީ ބޮލީވުޑްގައި މިހާތަނަށް ހަދާ އެންމެ އަގުބޮޑު އެއް ފިލްމުވެސްމެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ބްރަމަސްތްރާ: ޕާޓް ވަން- ޝިވާ" އަކީ 410 ކްރޯޑް ރުޕީސް (51.5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.