ޚަބަރު

ޓްރަމްޕުގެ މާގާ އެޖެންޑާއަށް ތާޢީދުކުރާ މީހުންނަކީ ޑިމޮކުރަސީއަށް އޮތް ނުރައްކަލެއް: ބައިޑަން


އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އެޖެންޑާތަކަށް ތާޢީދު ކުރާ މީހުންނަކީ އެމެރިކާގެ ޑިމޮކުރަސީއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަ ކުރައްވައި، ރައީސް ޖޯ ބައިޑަން ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. ބައިޑަން ވިދާޅުވީ، ޓްރަމްޕުގެ "މޭކް އެމެރިކާ ގްރެއިޓް އަގެއިން (މާގާ)" އެޖެންޑާއަށް ތާޢީދު ކުރާ މީހުންގެ އަމަލުތަކުގެ ސަބަބުން އެމެރިކާގައި ޤާއިމު ކޮށްފައިވާ ޑިމޮކުރަސީގެ ނިޒާމަށް ހުރަސް އެޅިފައިވާ ކަމުގައެވެ.

"މާގާ އެޖެންޑާއަށް ތާޢީދު ކުރާ މީހުން ބޭނުން ވަނީ މި ޤައުމު އެތައް އަހަރެއް ފަހަތަށް ޖައްސަން،" ޕެންސިލްވޭނިޔާގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވިއެވެ. އޭނާ ވާހަކަފުޅު ދައްކަވާފައި ވަނީ ފިލެޑެލްފިޔާގައި ހުންނަ އިންޑިޕެންޑެނެސް ހޯލްގައެވެ. އެއީ، އެމެރިކާގެ މިނިވަންކަމުގެ ޤަރާރުގައި ސޮއި ކުރެވެނު ތަނެވެ.

ޓްރަމްޕުގެ މާގާ ހަރަކާތަކީ ހައްދުފަހަނަ އަޅާފައިވާ ފިކުރެއްގެ ގޮތުގައި ބައިޑަން ސިފަ ކުރައްވައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ޓްރަމްޕާއި އޭނާގެ މާގާ އެޖެންޑާއަށް ތާޢީދު ކުރާ މީހުން މަސައްކަތް ކުރަމުން ދަނީ އެމެރިކާގެ ޑިމޮކުރަސީގެ ނިޒާމު ފުނޑައިލާށެވެ. އިންތިޚާބުތަކުގެ ނަތީޖާ އޮޅުވައިލާށެވެ. އަދި، އެމެރިކާގެ ޤާނޫނު އަސާސީ މުގުރައިލާށެވެ.

"މިއީ އެއްވެސް ހާލެއްގައި ރިޕަބްލިކަން ޕާޓީއަށް ތާޢީދުކުރާ، އެ ޕާޓީގެ 74 މިލިޔަން މެންބަރުންނަށް ބުނާ ބަދުބަހެއް ނޫން. ނަމަވެސް، އެ ޕާޓީގެ ހުރިހާ މެންބަރުންނަކީ މާގާ އެޖެންޑާއަށް ތާޢީދުކުރާ ބަޔެއް ނޫން. އެކަމަކު އެ ޕާޓީ މިހާރު ކޮންޓްރޯލް ކުރަމުން ދަނީ ޓްރަމްޕާއި އޭނާގެ މާގާ އެޖެންޑާއަށް ތާޢީދު ކުރާ މީހުން،" ބައިޑަން ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވީ، ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން ދަނީ އެމެރިކާއިން ޑިމޮކުރަސީ ފޮހެލަން މަސައްކަތް ކުރަމުން ކަމުގައެވެ. އަދި، އެކަން ހުއްޓުވައި، ޑިމޮކުރަސީގެ ދިފާޢުގައި ތެދުވަން ޖެހިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ބައިޑަންގެ ވާހަކަފުޅާ ގުޅިގެން ޓްރަމްޕު ވަނީ އޭނާއަށް ރައްދު ދެއްވާފައެވެ. ޓްރަމްޕު ވަނީ، އެމެރިކާގެ ރައްޔިތުންނަށް ބިރުދައްކަން ބައިޑަން މަސައްކަތް ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ރިޕަބްލިކަން ޕާޓީން ވެސް ވަނީ ބައިޑަންގެ ވާހަކަފުޅަށް ފާޑު ކިޔާފައެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރައްވާ ކެލިފޯނިޔާގެ މެންބަރު ކެވިން މެކްކާތީ ވިދާޅުވީ، އެމެރިކާ ބައިބައި ކުރަން ބައިޑަން މަސައްކަތް ކުރައްވާ ކަމުގައެވެ. އަދި، އޭނާ ވަނީ މަޢާފަށް އެދިވަޑައިގަތުމަށް ބައިޑަންއަށް ގޮވައިލައްވާފައެވެ.