ޚަބަރު

ޕާކިސްތާނުގައި ފެންބޮޑުވުމާ ގުޅިގެން ތާށިވެފައިވާ 2,000 މީހުން ސަލާމަތްކޮށްފި


ޕާކިސްތާނަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ތާށިވެފައިވާ 2,000 އަށްވުރެ ގިނަ މީހުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަލާމަތް ކޮށްފައިވާ ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ. މޫސުމީ ވިއްސާރައިގައި ޕާކިސްތާނުގެ ތިންބައި ކުޅަ އެއްބައިގައި ވަނީ ފެންބޮޑުވެފައެވެ.

ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1,208 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި 416 ކުޑަކުދިން ހިމެނޭ ކަމުގައި ޕާކިސްތާނުގެ ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއިން ބުނެއެވެ.

ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އެތައް މިލިޔަން ރައްޔިތުންނަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ އެހީތެރިކަމަށް ޕާކިސްތާނުން ވަނީ އެދިފައެވެ. އ.ދއިން ވެސް ވަނީ، ހާލުގައި ޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް 160 މިލިޔަން ޑޮލަރު ބޭނުންވާނެ ކަމަށް ބުނެފައެވެ.

"ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައް ޢާންމުވުމަކީ ވަރަށް ގާތް ކަމެއް. ބޭރަށް ހިންގުމާއި ކޮލެރާއާއި ޑެންގީ އަދި މެލޭރިޔާ ފަދަ ބަލިތައް ފެތުރެން ފަށައިފި ނަމަ، މަރުވާ ކުޑަކުދިންގެ އަދަދު އިންތިހާއަށް މައްޗަށް އަރާނެ،" ޕާކިސްތާނުގައި ހަރަކާތްތެރިވާ ޔުނިސެފްގެ އިސް އޮފިޝަލަކު ބުންޏެވެ.

ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ސިންދު ޕުރޮވިންސަށެވެ. ފެންބޮޑުވުމާ ގުޅިގެން ގެދޮރުގައި ތާށިވެފައިވާ 2,000 އަށްވުރެ ގިނަ މީހުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަލާމަތް ކޮށްފައި ވާއިރު، އޭގެ ކުރިން ވެސް 50,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. މީގެތެރެއިން 1,000 މީހުން ސަލާމަތް ކުރުމަށް ހެލިކޮޕްޓަރު ބޭނުންކޮށްފައިވާ ކަމުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ.

ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް 163 ތަނުގެ އިންސާނީ އެހީ ފޯރުކޮށްދީފައިވާ ކަމުގައި އަސްކަރިއްޔާއިން ބުނެއެވެ. ޤަޠަރާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އިން މިހާރު ވަނީ ޕާކިސްތާނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ތައްޔާރުވަމުންނެވެ.

މި ފެށުނު ސެޕްޓެންބަރު މަހުގެ ތެރޭގައި ޕާކިސްތާނުގެ ސަރަޙައްދުތަކަށް އިތުރަށް ވާރޭ ވެހޭނެ ކަމަށް އެ ޤައުމުގެ މުސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. ފާއިތުވި 30 އަހަރުގެ ތެރޭގައި ޕާކިސްތާނަށް އެވްރެޖުކޮށް ވިއްސާރަކޮށްފައިވާ މިންވަރަށް ބަލާއިރު، މި އަހަރުގެ ޖޫން މަހާއި އޮގަސްޓު މަހުގެ ތެރޭގައި 190 އިންސައްތަ އިތުރަށް އެ ޤައުމަށް ވަނީ ވާރޭ ވެހިފައެވެ.