ޚަބަރު

ޤާނޫނާއި ޚިލާފްވެފައިވާ ބޭންކުތަކާ މެދު ފިޔަވަޅުއަޅާނަން


އެމް.އެމް.ޕީ.އާރު.ސީގެ އޮޑިޓް ރިޕޯޓުގައި ވިޔަފާރި ބޭންކުތަކުގެ އޮޕަރޭޝަނަލް ކަންތައްތަކާއި، ގުޅޭގޮތުން ފާހަގަކުރައްވާފައިވާ މައްސަލަތައް ބައްލަވައި ޤާނޫނުތަކާއި ޚިލާފްވެފައިވާ ބޭންކެއްވާނަމަ އެބޭންކަކާއިމެދު ފިޔަވަޅު އަޅުއްވާނެކަމަށް މަރުކަރީ ބޭންކް އެމް.އެމް.އޭ އިން ވިދާޅުވެއްޖެއެވެ.އެމް.އެމް.ޕީ.އާރުސީގެ އޮޑިޓް ރިޕޯޓުގައި ވިޔަފާރި ބޭންކުތަކުގެ އޮޕަރޭޝަނަލް ކަންތައްތަކާއި، ގުޅޭގޮތުން ފާހަގަކުރައްވާފައިވާ މައްސަލަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، އެމް.އެމް.އޭއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، އެމް.އެމް.އޭގެ އޮޑިޓް ރިޕޯޓުގައި އޮޑިޓަރ ޖެނަރަލް ފާހަގަކުރައްވާފައިވާ، ވަކިވަކި ކަންތައްތަކާއި، އެކަންތައްތަކަކީ، ބޭންކުގެ އޮޕަރޭޝަނަލް ޕޮލިސީތަކާއި، އެ ޕޮލިސީތަކަށް ޢަމަލުކުރުމުގައި ހުރި މައްސަލަތަކެއްތޯ ބައްލަވަމުންގެންދަވާކަމަށެވެ. އަދި އޮޑިޓް ރިޕޯޓުގައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ގާނޫނުތަކާއި، ޤަވާއިދުތަކާއި ޚިލާފަށް އެއްވެސް ބޭންކަކުން ޢަމަލެއް ކޮށްފައިވާނަމަ، ނުވަތަ އިހްމާލެއް ވެފައިވާނަމަ، އެމް.އެމް.އޭއިން އެބޭންކަކާއި މެދު ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ފިޔަވަޅު އަޅުއްވާނެކަންވެސް މި ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.ރާއްޖޭގެ ބޭންކިންގ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅުއްވަމުންގެންދަވާނެކަމުގެ ޔަގީންކަންވެސް މަރުކަޒީ ބޭންކުންވަނީ ދެއްވާފައެވެ. އެމް.އެމް.ޕީ.އާރު.ސީގެ އެކައުންޓަށް ޖަމާކުރަންޖެހޭ ގާތްތަނޑަކަށް 65 މިލިއަން ޑޮލަރު ހިމެނޭ 60 އަށްވުރެ ގިނަޗެކްތައް އެކުންފުނިން ބޭންކަށް ފޮނުވާފައިވާ ބޯޑް ރިޒޮލިއުޝަނާއި ޚިލާފަށް އެކުންފުނީގެ ދެމުވައްޒަފުން ސޮއިކުރުމުގެ ބަދަލުގައި އެންމެ މީހެއްގެ ސޮޔާއެކު އެކިފަހަރު މަތިން އަމިއްލަ ކުންފުނިތަކެއްގެ އެކައުންޓަށް ޖަމާކޮށްދީފައިވާތީ، އެކަންހިނގާފައިވާ ގޮތް ތަޙުޤީޤުކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް އޮޑިޓް ރިޕޯޓުގައި އަންގަވާފައިވެއެވެއެވެ. އެގޮތުން އެންޑޯޒްކޮށްފައި ހުންނަ ޗެކްތައް ބަލައިގަތުމާ ގުޅޭ ގޮތުން ބޭންކުގައި މިހާރު އެކަށީގެންވާ ހަރުދަނާ ކޮންޓްރޯލްތަކެއް ގާއިމުކުރެވިފައި ހުރިކަމަށް ނުބެލެވޭތީ އާއި މަނީ ލޯންޑްރިންގެ މުޢާމަލާތްތައްކަމަށް ބެލެވޭ ގިނަ މުޢާމަލާތްތަކެއްގެ ތެރެއިން ސަތޭކަ އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ އެހެން އެކައުންޓްތަކަކަށް ޖަމާވަމުންދިޔައިރު، އެކަން ބޭންކަށް ފާހަގަ ނުކުރެވި، އަދި ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް އެކަށީގެންވާ ގޮތެއްގައި ގެނެސްފައިވާކަމަށް ނުބެލެވޭތީ، މުސްތަޤުބަލުގައި މިފަދަ ކަންކަން ތަކުރާރު ވިޔަނުދިނުމަށްޓަކައި ބޭންކުންނާއި ބޭންކުތައް ރެގިއުލޭޓްކުރާ ފަރާތުން އިތުރު ކޮންޓްރޯލްތައް ތައާރަފުކޮށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އޮޑިޓަރ ޖެނަރަލް ލަފާދެއްވާފައިވެއެވެ.