ވިޔަފާރި

ބީއެމްއެލް އިންޓާރންޝިޕް ޕްރޮގްރާމުން އިތުރު 15 ކުދިންނަށް ފުރުސަތު


ބޭންކް އޮފް މޯލްޑިވްސްއިން ހިންގާ ގްރެޖުއޭޓް އިންޓާރންޝިޕް ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކޮށް އިތުރުބުރަކަށް އަލަށް ހޮވުނު 15 ދަރިވަރުންނާއެކު އިންޓާރންޝިޕްގެ ހަތަރުވަނަ ބުރެއް ފަށައިފިއެވެ. މިއީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބީއެމްއެލްއިން ހިންގާ ޕްރޮގްރާމެކެވެ.

ބީއެމްއެލްއިން ދަސްވެނިވުން ފާހަގަކޮށްފައިވަނީ އިންޓާންޝިޕްގެ ބެޗް 2 އަދި ބެޗް 3ގެ 30 ދަރިވަރުންގެއެވެ. އަދި 4ވަނަ ބުރަކަށް 15 ކުދިންނަށް ވަނީ ފުރުސަތު ދީފައެވެ.

12 މަސް ދުވަހަށް ބަހާލާފައިވާ މި އިންޓާރންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބުމުގެ އިތުރުން ބީއެމްއެލްއިން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެއެވެ.

މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ޚާއްސަ މުވައްޒަފެއް ވަނީ ކަނޑައަޅާފައެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ދެވޭ އިނާޔަތަކީ ރާއްޖޭގައި އިންޓާރންޗިޕް ޕްރޮގްރާމަކަށް ދެވޭ އެންމެ ރަނގަޅު އިނާޔަތެއްކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އިންޓަރންޝިޕް މުއްދަތުގައި ވަޒީފާއަށް ބޭނުންވާ ހުނަރު ދަސްކޮށްދީ އަދި ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގައި ދާއިމީ ވަޒީފާއެއް ހޯދުމުގެ ފަހި ފުރުސަތެއް ބައިވެރިންނަށް ލިބިގެންދާނެކަމަށްވެސް އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ، ޢާއިޝަތު ނޫރައްދީން ވިދާޅުވީ މި ޕްރޮގްރާމް ނިންމާފައިވާ ކުދިންގެ ތެރެއިން ގިނަ ކުދިންނަށް މިހާތަނަށް ބީއެމްއެލް އާއި އެހެނިހެން މުއައްސަސާތަކުން ދާއިމީ ވަޒީފާ ލިބިފައިވާކަމަށެވެ.

"މި ޕްރޮގްރާމް މެދުވެރިކޮށް ތައުލީމްފޯރުކޯށްދޭ އިދަރާތަކުން ދަސްވެނިވާ ދަރިވަރުންނަށް ވަޒީފާއަށް ބޭނުންވާ ތަޖުރިބާ ހޯދައިދެވޭ. މި ޕްރޮގްރާމްގައި މިހާތަނަށް ބައިވެރިވެ ނިންމި ފަރާތްތަކުގެ ތެރެއިން %80 އަށް ވުރެ ގިނަ ބައިވެރިންނަށް ބީއެމްއެލް އާއި އެހެނިހެން މުވައްސަސާތަކުން ދާއިމީ ވަޒީފާ ލިބިފައިވާކަން އުފަލާއެކު ފާހަގަކުރަން. އަޅުގަނޑުމެން ކުރިއަށް އޮތްތާނގައިވެސް ހުނަރުވެރި ގާބިލް މުވައްޒަފުން ވަޒީފާގައި ދަމަހައްޓައި މުވައްޒަފުންނަށް ކުރިއެރުން ލިބޭނެހެން މަސައްކަތްކުރަމުންދާނަން." ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ވިދިވިދިގެން ހަތަރު ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ވަނީ ލިބިފައެވެ.