ޚަބަރު

މަދޫރީގެ "ފޭމް ގޭމް" ގެ ދެވަނަ ބައި ނުހަދާގޮތަށް ނިންމައިފި


މިއަހަރު ފެބްރުއަރީ މަހު ނެޓްފްލިކްސް އިން ދެއްކި މަދޫރީ ޑިކްސިޓްގެ ވެބް ސީރީޒް "ދަ ފޭމް ގޭމް" ގެ ދެވަނަ ސީޒަނެއް އުފައްދާ ވާހަކަ މީގެ ކުރިން ވަނީ ދެކެވިފައެވެ. ނަމަވެސް އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން މި ސީރީޒްގެ ދެވަނަ ބައި ނުހަދާ ގޮތަށް މިހާރު ވަނީ ނިންމާފައެވެ.

ކަރަން ޖޯހަރުގެ ދަރުމެޓިކް އެންޓަޓައިންމަންޓުން ގެނެސްދިން މި ސީރީޒްގެ ދެވަނަ ބައި ނަހަދަން ނިންމައި، ނެޓްފްލިކްސްގެ ކެޓަލޮގުންވެސް މި ސީރީޒް މިހާރު ވަނީ ނަގާފައިވާ ކަމަށްވެސް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިކަމާއި ބެހޭގޮތުން ރަސްމީކޮށް އަދި އެއްވެސް ފަރާތަކުން އެއްޗެއް ނުބުނެއެވެ.

"ދަ ފޭމް ގޭމް" ގެ ދެވަނަ ބައި ނަހަދާ ގޮތަށް ނިންމީ ދެ ވަނަ ބައިގެ ވާހަކައިގައި ރަނގަޅު ކޮންޓެންޓެއް ނެތުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ސީރީޒްގެ ފުރަތަމަ ބަޔަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ތަރުޚީބެއް ލިބުންނަމަވެސް، ދެވަނަ ސީޒަނަކަށް ނުގޮސް، ސީރީޒް ނިންމާލުން ވެގެންދާނީ މަދޫރީގެ ފޭނުންނަށް ލިބިގެންދާނެ ހިތާމަވެރި ޚަބަރެކެވެ.

"ދަ ފޭމް ގޭމް" އަކީ ދަރުމާ އާއި ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓް ގުޅިގެން 2016 ގައި ގެނެސްދިން ފިލްމު "ބާރު ބާރު ދޭކޯ" ގެ ވާހަކަ/ސްކްރީން ޕްލޭގައި ހިއްސާވި ސްރީ ރާއޯގެ މޭސްތިރިކަމުގެ ދަށުން އުފެއްދި ސީރީޒެކެވެ. މީގެ ސްކްރީން ޕްލޭ ލިޔުނީ އޭނާ އާއި ނިޝާ މެހެތާ އެވެ.

"ފައިންޑިންގް އަނާމިކާ" ނަމުން އެންމެ ފުރަތަމަ ނަން ދިން "ދަ ފޭމް ގޭމް" ގެ ކާސްޓްގައި ސަންޖޭ ކަޕޫރާއި މާނަވް ކޯލް އާއި ލަކްޝްވީރު ސަރަން އާއި ސުހާސިނީ މުލޭ އަދި މުސްކާން ޖެފްރީ ހިމެނެއެވެ. މި ސީރީޒުގައި ކިޔައިދެނީ ކައިވެނިކޮށް ދެ ކުދިން ތިބި ބޮލީވުޑްގެ މަޝްހޫރު ބަތަލާއަކު ކުއްލި ގޮތަކަށް ގެއްލުމާ ގުޅިގެން އޭނާ ހޯދަން ކުރާ މަސައްކަތާއި، އެކަމުގެ ތެރެއިން ފެންމަތިވާ އާއިލީ ސިއްރުތަކެއްގެ ވާހަކައެވެ.

8 އެޕިސޯޑް ހިމެނޭ "ދަ ފޭމް ގޭމް" ޑައިރެކްޓްކުރީ ބިޖޯއި ނަމްބިއާ އާއި ކަރިޝްމާ ކޯލީ އެވެ. މިހާރު އުމުރުން 55 އަހަރުވެފައިވާ މަދޫރީ އެންމެ ފަހުން ފެނިފައި ވަނީ ވެސް ދަރުމާގެ ފިލްމަކުންނެވެ. އެއީ ބޮޑު ކާސްޓެއް ހިމެނުނު އެކަމަކު ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު "ކަލަންކް" އެވެ.