ޚަބަރު

ގެމަނަފުއްޓާއި ހެނބަދޫއާއި މާކުރަތުގެ ސިއްޙީ މަރުކަޒު ތަރައްޤީކުރަނީ


އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރަށްރަށުގައި ހުރި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް ވަޞީލަތް ހަމަކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިގޮތުން ގއ.ގެމަނަފުއްޓާއި ނ.ހެނބަދޫއާއި ރ.މާކުރަތު ސިއްޙީ މަރުކަޒުގައި މިފަދަ ބައެއް މަސައްކަތްތައް މީހުންނާ ޙަވާލުކޮށްފައިވާއިރު މިއީ މިރަށްރަށުގެ ރައްޔިތުންގެ އެތައް ދުވަހެއްވީ ކަންބޮޑުވުމަކަށް ނިމުމެއް އަންނާނެ މަޝްރޫޢުތަކެވެ.

ސިއްޙީ ފަރުވާއަށް މާލެއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް އަންނާނީ ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިވެގެންކަމަށްވާތީ ސަރުކާރުގެ މިހާރުގެ އަމާޒު ހުރީ ރަށްރަށުގައި ހުރި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިކުރުމަށެވެ. މީގެ ދަށުން ގއ.ގެމަނަފުށީ ސިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސިއްޙީ މަރުކަޒަށް އިތުރުކުރާ އައު ޢިމާރާތުގެ މަސައްކަތް މިހާރުވަނީ ބަޔަކާ ޙަވާލުކޮށްފައެވެ. މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ މިމަސައްކަތް ޙަވާލުކޮށްފައިވަނީ ވީރު ގުރޫޕް ޕްރައިވެޓް ލިމިޓެޑާއިކަމަށެވެ. ދައުލަތުގެ ބަޖެޓުން 3.95 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މިޢިމާރާތުގެ މަސައްކަތް 4 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ވަނީ އެއްބަސްވެފައެވެ.

ގެމަނަފުށީ ސިއްޙ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭތަނަކަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގައެވެ. މިއާއެކު ޚިދުމަތަށް އޮތް ޑިމާންޑު ބޮޑުވެ އިންސާނީ ވަޞީލަތާއި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާކަން އެރަށު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މިއާއެކު މިކަމަށް ޙައްލެއް ގެނެސްދެއްވުމަށްޓަކާ ގެމަނަފުށީ ސިއްޙީ މަރުކަޒަށް ބޭނުންވާ އެކްސްޓެންޝަން ޢިމާރާތެއް ތަރައްޤީކޮށް ވަޞީލަތް ހަމަކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ސިއްޙީ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ނ.ހެނބަދޫ ސިއްޙީ މަރުކަޒަށް އިތުރުކުރާ ޢިމާރާތާއި އެތަނުގެ ވަށާފާރުގެ މަސައްކަތް ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ. މީގެއިތުރުން ރ.މާކުރަތު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށްވެސް ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު މިމަސައްކަތް އޭރު ހަވާލުކުރި ކޮންޓްރެކްޓަރ މަސައްކަތުގެ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތްކުރަމުން ނުދާތީ ސަރުކާރުން ވަނީ އެއްބަސްވުން އުވާލާފައެވެ.

ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ރަށްރަށުގެ ސިއްޙީ ފަރުވާދޭ ތަންތަން ތަރައްޤީކޮށް ބޭނުންވާ އިންސާނީ ވަޞީލަތް ހަމަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ސިއްޙީ ދާއިރާގައި މީހުން ހަރުނުލާ މައްސަލަ ޙައްލުކުރުމަށާއި ކޮލިޓީ މީހުން އުފެއްދުމުގެ ގޮތުން މިދާއިރާގެ މުސާރާއިގެ ސްޓްރަކްޗަރ މުރާޖާކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މިމަސައްކަތް ނިމުމާއެކު ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށް އެދެވޭ ހެޔޮ ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.