ރިސޯޓު ތަރައްޤީކުރުމަށް އެންމެ ފަހުން ހުޅުވާލި ރަށްތަކުގެތެރެއިން، 3 ރަށެއްގައި ރިސޯޓު ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށް، އެއްބަސްވުމުގައި، މިހާރު ސޮއިކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
10 އަތޮޅަކުން ކަނޑައަޅާފައިވާ 18 ރަށަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ މިދިޔަ އަހަރުތެރޭއެވެ. މި ރަށްތަކުގެ ތެރެއިން، މިދިޔަ އޭޕްރީލްމަހުގެތެރޭ ބީލަން އެވޯޑުކޮށްފައިވަނީ ފ.އެނބުލިފުށި، ފ.ޖިންނަތުގައު، ގދ.ކަނޑަހަލަގަލަ، މ.ސީދީ ހުރާގެ އިތުރުން ހއ.އަލިދުއްފަރުފިނޮޅެވެ.
ބީލަން އެވޯޑުކުރެވިފައިވާ ފަރާތްތަކުން ލީސް އެކުއިޒިޝަން ކޮސްޓާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް ހުށަހަޅާފައިވާ އަދަދުގެ %50 ދެއްކުމުގެ އިތުރުން އިނީޝަލް އެންވަޔަރަންމަންޓު އެސެސްމެންޓެއް ހެދުމަށް 60 ދުވަހުގެ މުއްދަތެއް ޓޫރިޒަމް މިނިސްޓްރީން ދެއްވިއެވެ. މި މުއްދަތު ހަމަވިއިރު، ފައިސާ ދެއްކީ ހަތަރު ކުންފުންޏަކުންނެވެ. ފައިސާ ދައްކާފައިވާ ރަށްތަކަކީ، ފ.އެނބުލިފުށި، ފ.ޖިންނަތުގައު، ގދ.ކަނޑަހަލަގަލަ، މ.ސީދީ ހުރާއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިހަތަރު ރަށުގެ ތެރެއިން 3 ރަށެއްގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަަމަށެވެ. އެއީ ފ.އެނބުލިފުށި، ފ.ޖިންނަތުގައު އަދި ގދ.ކަނޑަހަލަގަލައެވެ. އަދި މ. ސީދީ ހުރާގެ އެއްބަސްވުމުގައި މިމަހުގެ މެދުތެރޭގައި ސޮއިކުރެވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
ޓޫރިޒަމް މިނިސްޓްރީން، ފ.އެނބުލުފުށީގައި ރިސޯޓު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ، ނައިޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. ފ.ޖިންނަތުގައު ގައި ރިސޯޓު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ އަކިރި ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި ގދ.ކަނޑަހަލަގަލާގައި ރިސޯޓު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ޕަޔަނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި ރަށްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެކު ރިސޯޓުތަރައްޤީކުރުމުގެ އަމަލީ މަސައްކަތްތައް ފަށަންޖެހޭ ކަމަށެވެ. މަސައްކަތް ކުރިއަށްގެންދަންޖެހޭ ޓައިމްލައިނެއް ޓޫރިޒަމް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މަސައްކަތް ތާވަލާ އެއްގޮތަށް ނުދާ ނަމަ ޖޫރިމަނާތައްވެސް ދައްކަންޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
މިދިޔަ އަހަރުތެރޭ އިއުލާންކުރި ރަށްތަކުގެތެރެއިން ބާކީ ހުރި ރަށްތަކާއި، އަދި އިތުރު ރަށްތަކާއި އެކު އަލުން ލިސްޓެއް ހެދުމަށްފަހު ރިސޯޓުތަރައްޤީކުރުމަށް ރަށްތައް ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ރާއްޖޭގައި ގިނަ ޢަދަދެއްގެ ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންވެސްޓުކުރާ ގިނަ ފަރާތްތަކަށް އެކި ގޮންޖެހުންތައް ދިމާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިއިންވެސްޓްމަންޓުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންގޮސް ނިންމުމަށް ސަރުކާރުން ފޯރުކޮށްދެވެން ހުރި އެހީތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރުން ޤަބޫލުކުރައްވައެވެ.