ޚަބަރު

އިރާޤުގެ ބަޞަރާގައި ހިނގި ހަމަނުޖެހުންތަކެއްގައި 4 މަރު


އިރާޤުގެ ވެރިރަށް ބަޣްދާދުގައި ޝީޢީ ފެކްޝަންތަކުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ބަޞަރާއަށް ފެތުރި، އެ ރަށުގައި ހިނގި ކުރިމަތިލުންތަކެއްގައި ހަތަރު މީހުން މަރުވެއްޖެއެވެ. އިރާޤުގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހިނގަމުން ދަނީ ޝީޢީންގެ އިސް އިމާމެއް ކަމުގައިވާ މުޤްތަދާ އަލްޞަދުރަށް ތާޢީދު ކުރާ މީހުންނާއި، އީރާނަށް ތާޢީދު ކުރާ ޝީޢީ ފެކްޝަންގެ މީހުންނާ ދެމެދުގައެވެ.

2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި އިންތިޚާބަށް ފަހު ޝީޢީ ދެ ފެކްޝަނުން ވެސް މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށެވެ. ނަމަވެސް، އެއްވެސް ފެކްޝަނަކަށް ކުރިއެރުން ނުލިބި، ހަމަނުޖެހުންތައް ވަނީ މަގުތަކަށް ބަންޑުންވެފައެވެ. ބަޣްދާދުގައި ހިނގި ހަމަނުޖެހުންތަކުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވިއެވެ. އަލްޞަދުރަށް ތަޢީދު ކުރާ މީހުން ބަޣްދާދުގައި ވަރުގަދަ މުޒާހަރާތަކެއް ފަށާފައި ވަނީ، ސިޔާސީ މައިދާނާ ފެއަށް ޖެހެން ނިންމައި، ޞަދްރު އެ ކަން އިޢުލާނު ކުރެއްވުމާ ގުޅިގެންނެވެ. އޭނާގެ ސަޕޯޓަރުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ އިދާރާއާއި ރިޔާސީ ގަނޑުވަރަށް ވަދެ، އެ ޢިމާރާތްތައް ހިފާފައެވެ. މިއާއެކު، ޝީޢީންގެ އެހެން ފެކްޝަންތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ފެށުނެވެ. އަދި، އިރާޤުގެ ސަލާމަތީ ބާރުގެ ފައުޖުތަކާ ވެސް ކުރިމަތިލުންތައް ހިނގާފައިވެއެވެ.

ބަޣްދާދުގެ އިތުރުން ހަމަނުޖެހުންތައް އެންމެ ބޮޑަށް ފެތުރިފައި ވަނީ އިރާޤުގެ ދެކުނުގައިވާ ތެލުގެ ގޮތުން މުއްސަނދި ސަރަޙައްދުތަކަށެވެ. މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ތެރެއިން ދެ މީހުންނަކީ އަލްޞަދުރަށް ވާގިވެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ޕީސް ބްރިގޭޑްސްއަށް ނިސްބަތްވާ ދެ މީހުންނެވެ. އޭނާއަށް ތާޢީދު ކުރާ ހަނގުރާމަވެރިން ދަނީ ބަޞަރާގައި ހުންނަ ސަރުކާރުގެ ޢިމާރާތްތަކަށް ހަމަލާ ދެމުންނެވެ. އަދި، އީރާނަށް ވާގިވެރިވާ ސިފައިން ތިބި މަރުކަޒުތަކަށް ވެސް ހަމަލާތައް އަމާޒު ކުރަމުންނެވެ. އަލްޞަދްރު ވަނީ، ހަމަނުޖެހުންތައް ހުއްޓައިލުމަށް އޭނާއަށް ތާޢީދު ކުރާ މީހުންނަށް ގޮވައިލާފައެވެ. ނަމަވެސް، ހަމަނުޖެހުންތަކަށް އަދި ހުއްޓުމެއް އައިސްފައެއް ނުވެއެވެ.

އަލްޞަދްރު މަސައްކަތް ކުރަމުން ދަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީސް އުވައިލާ، އަލުން އިންތިޚާބެއް ބޭއްވުމަށެވެ. ނަމަވެސް، އޭނާއާ ދެކޮޅު ފެކްޝަންތަކުން ބޭނުން ވަނީ ސަރުކާރެއް އެކުލަވައިލުމަށެވެ. އިރާޤުގެ ސިޔާސީ މަސްރަޙު ހަލަބޮލިވީ، އީރާނަށް ތާޢީދު ކުރާ ޝީޢީންގެ ފެކްޝަންތަކުގެ ބައިވެރިވުމާ ނުލައި، ސަރުކާރު އެކުލަވައިލުމަށް އަލްޞަދްރު މަސައްކަތް ކުރުމާ ގުޅިގެންނެވެ.