ޚަބަރު

ޑޮކްޓަރުންނަށް ތަމްރީނުވުމުގެ ފުރުސަތުތަކެއް އޭޑީކޭއިން ދެނީ


ފަސް ދާއިރާއަކުން ޑޮކްޓަރުން ތަމްރީނުވުމުގެ ފުރުޞަތު އޭޑީކޭ ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.މިސްކޮލަރޝިޕް ފުރުސަތުތަކުގެ ދަށުން ދިވެހި 5 ޑޮކްޓަރަކަށް ކަނޑައެޅިފައިވާ 5 ދާއިރާއަކުން ސްޕެޝަލައިޒްވުމަށާއި ސުޕަރސްޕެޝަލައިޒް ވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.ރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ދުވަސްވީ ހޮސްޕިޓަލް، އޭޑީކޭ އިން ސިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ ތަފާތު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ޑޮކްޓަރުންނާއި، ނަރުހުންނާއި، ހެލްތް ޕްރޮފެޝަނަލުންގެ އިތުރަށް މެނޭޖްމަންޓް ދާއިރާގައި މަސައްކަތްކުރާ މީހުންތައް ދަނީ ތަމްރީނުކުރަމުންނެވެ.އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އައްފާލް ވިދާޅުވީ ރާއްޖޭގައި ސްޕެޝަލިސްޓުން ބޭނުންވެފައިވާކަމަށް ފާހަގަކުރެވިފައިވާ ދާއިރާތަކަށް ޚާއްސަކޮށްގެން މީހުން ތަމްރީނުކުރުމަށްޓަކައި މިއަހަރު، 5 ދާއިރާއަކުން ޑޮކްޓަރުން ތަމްރީނުވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ފުރުސަތު ހުޅުވާލާފައިވަނީ، ސްޕެޝަލައިޒޭޝަންގެ 3 ދާއިރާއެއްކަމަށްވާ އިންޓަރނަލް މެޑިސިން، ސާރޖަރީ،އަދި އީއެންޓީ، ސުޕަރސްޕެޝަލިސްޓުންގެ ދާއިރާއިން ޔޫރޮލޮޖީ އަދި ގެސްޓްރޯއެންޓްރޮލޮޖީ ދާއިރާއިންނެވެ.އައްފާލް ވިދާޅުވީ އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މެޑިކަލް ކައުންސިލުން ޤަބޫލުކުރާ ޔުނިވަރސިޓިއެއްގެ ޕްލޭސްމަންޓް ލިބިފައިވާ ފަރާތްތަކަށް ފުރުސަތު ބޮޑުވެގެންދާނެކަމަށެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަސްދޮޅަަހަށް ވުރެން ގިނަ ޑޮކްޓަރުން މަސައްކަތްކުރަމުންދާއިރު، ސްޕެޝަލިސްޓުންގެ ގޮތުގައި 40 ޑޮކްޓަރުން މަސައްކަތްކުރެއެވެ.އެހޮސްޕިޓަލްގައި ދިވެހި 20 ވަރަކަށް ޑޮކްޓަރުން މަސައްކަތްކުރަމުންދާއިރު، ދާއިރާތަކަށް ޚާއްސަވެފައިވާ 10 ވަރަކަށް ޑޮކްޓަރުން ދަނީ ޚިދުމަތްދެމުންނެވެ. އޭޑީކޭ އިންހުޅުވާލާފައިވާ ތަމްރީނުގެ ފުރުސަތާއެކު ދިވެހިން ތަމްރީނުވެގެން ޚިދުމަތް ދޭން ފެށުމުން ޚިދުމަތް ދެވޭ ގޮތްތަކަށްވެސް ކުރިއެރުންތައް ލިބި ޚިދުމަތުގެ ފެންވަރު ރަގަޅުވެގެންދާނެ، އަދި އާއްމުންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަން އައްފާލް ފާހަގަކުރެއްވިއެވެ.އޭޑީކޭ އިން ޚަރަދުކޮށްގެން މިހާތަނަށް 7 ޑޮކްޓަރުންނާއި 10 ނަރުހުން ތަމްރީނުކޮށްފައިވާކަމަށް އޭޑިކޭއިން ބުނެއެވެ. އޭޑީކޭއިން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް އެހޮސްޕިޓަލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތަފާތު ދާއިރާތަކުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ސްޕެޝަލިސްޓުންނާއި ސުޕަރސްޕެޝަލިސްޓުންގެ ޚިދުމަތް އެހޮސްޕިޓަލުން ދަނީ ފޯރުކޮށްދެމުންނެވެ.