ޚަބަރު

ތަކުރާރުކޮށް ވައްކަންކުރާ މީހަކު ކޯޓުން ނޫނީ ބަންދުން ދޫނުކުރަން އަމުރުކޮށްފި


ތަކުރާރުކޮށް އެކި ފަހަރުމަތިން ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްގެން ކޯޓުން މެނުވީ ބަންދުން ދޫނުކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި އަމުރު ކޮށްފައިވަނީ ސެންޓު ފުޅިއެއް ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ. އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާއަކީ ވައްކަމުގެ ރިކޯޑު އޮތް މީހެއް ކަން ފާހަގަކޮށް، ބަޔާނުގައި ވަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްގެން މެނުވީ އޭނާ ބަންދުން ދޫނުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އާންމު ގޮތެއްގައި ވައްކަމުގެ މިފަދަ މައްސަލަތަކަކީ ކުދި ކުށްތަކަށް ވެފައި ކޯޓުން އާންމުކޮށް އަމަލު ކުރަމުން އަންނަ އުސޫލަކީ ކުރު މުއްދަތެއްގައި ބަންދުގައި ބެހެއްޓުންކަމަށެވެ. މުއްދަތު ހަމަވުމުގެ ކުރިން މިފަދަ ބައެއް މީހުން ފުލުހުން ވެސް ދޫކޮށްލާ ކަމަށާއި އެހެންނަމަވެސް ބަންދުން ދޫކުރުން ތަކުރާރުކުރާނަމަ މުޖުތަމައުގެ ސަލާމަތަށް އެކަމުން ނުރައްކާ ވެދާނެ ކަމަށް ވެސް އަމުރުގައިވެއެވެ.